ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި، މިހާރު އެމްއާރުއައިގެ ހިދުމަތް ނެތް ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި، މި ހިދުމަތް ގާއިމުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، އަތޮޅު ތެރޭގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުފެ އަމާޒެކެވެ. އެގޮތުން ރަށްރަށުގެ ސިއްހީ މަރުކަޒުތައް، ހޮސްޕިޓަލް ފެންވަރުގައި ތަރައްގީ ކުރުމާއި އެކު ހިދުމަތް ދޭ ވަގުތު އިތުރު ކުރުން ހިމެނެ އެވެ.
މީގެއިތުރުން އެކްސްރޭގެ ހިދުމަތާއި، އެމްއާރުއައި ފަދަ ރައްޔިތުން އާންމުކޮށް ސިއްހީ ހިދުމަތުގެ ތެރެއިން ހޯދަން ޖެހޭ ފަރުވާތައް ގާއިމު ކުރުން މީގެ ތެރޭގައި ހިމެނެ އެވެ.
މިވަގުތު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ވެސް ސިއްހީ ދާއިރާއަށްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ދަށުން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުވެގެން ދާނެކަމަށެވެ. އަދި ކުރިޔަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި 15 އަތޮޅު ހޮސްޕިޓަލެއްގައި ދަތުގެ ފަރުވާގެ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ވެސް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ރައީސް ވިދާޅުވި ގޮތުގައި ބޮޑު ހަރަދުކޮށް ފަރުވާ ހޯދުމަށް މާލެ އަންނަން ޖެހޭޖެހުން ނިމުމަކަށް ގެނައުމެވެ.
މިއީވެސް، މާލެއަށް ހުރިހާ ކަމަކަށް… މިއިން ކޮންމެ ކަމެއް ކުރަން އަންނަން ޖެހޭ ވަރު މަދުކޮށްދީ.. ރަށުގައި ތިބެގެން، އަތޮޅުގައި ތިބެގެން، އެ ސަރަޙައްދުން އެ ހިދުމަތް ހޯދުމަށް ފަސޭހަކޮށްދީ، ރައްޔިތުން ބާރުވެރިކޮށްދީ، މާލެއަށް އަންނަން މިޖެހޭ އަޅުވެތިކަމުން ސަލާމަތްކޮށްދިނުމަށް، ސިއްހީ ދާއިރާ ވަރުގަދަކުރުމަށް، އަދި ޖުމްލަކޮށް މި ސިޔާސަތު ލާމަރުކަޒީކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، މިކަހަލަ ހުރިހާ ހިދުމަތްތަކެއް ގާއިމުކުރުމަށް، އަޅުގަނޑުމެން ހިންގާ ސިޔާސަތުތަކުގެ ތެރެއިން ކުރިއަށްދާ ކަންކަން…
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެންމެ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި، މިހާރު އެމްއާރުއައިގެ ހިދުމަތް ނެތް ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި، އެމްއާރުއައި ގާއިމު ކުރެވިގެންދާނެއެވެ. މިއާއި އެކު ހުރިހާ އާބަން ސެންޓަރުތަކެއްގައި ސީޓީ މެޝިން ޤާއިމުކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.
ދަތުގެ ފަރުވާއާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މި ހިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ގާއިމު ކުރައްވާނެ ކަމަށެވެ. އެގޮތުން ހުރިހާ އަތޮޅު ހޮސްޕިޓަލްތަކެއްގައި އެންމެ ޒަމާނީ، ފުރިހަމަ ހިދުމަތްތައް ދެވޭނެ ފުލް ފްލެޑްޖް ޑެންޓަލް ސެޓަޕްތައް ޤާއިމުކުރައްވާނެކަން ހާމަކުރެއްވި އެވެ. އެގޮތުން 15 އަތޮޅު ހޮސްޕިޓަލެއްގައި މި ހިދުމަތް ތައާރަފު ކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. .
ރައީސް މުއިއްޒު ވިދާޅުވީ، މި ކަންކަމުގެ މައިގަނޑު މަގްސަދަކީ، ހިދުމަތްތަކަށް މާލެއަށް އަންނަންޖެހޭ މިންވަރު މަދުކޮށް، ރަށުގައި، ނުވަތަ އަތޮޅުތަކުގައި ތިބެގެން ހިދުމަތް ހޯދޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

