ދިވެހި ގައުމިއްޔަތުގެ ތާރީހުގެ އިސްވާރު، ކަށިމާ އަހްމަދު ޝާކިރަށް ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް (2025)ގެ ޝަރަފުވެރި ރާވީގެ އެވޯޑު ލިބިވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޔޫއޭއީގެ ޝާރިޖާގެ އިންސްޓިޓިއުޓު ފޮރ ހެރިޓޭޖުން އިންތިޒާމުކުރައްވައިގެން ބޭއްވެވި، ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް (2025)ގެ ޝަރަފުވެރި ރާވީގެ މަގާމު ޙާޞިލްކުރައްވައިފައިވާ ކަމަށެވެ.
ޝާރިޖާގެ ޢިއްޒަތްތެރި އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު އަލްޤާސިމީގެ އަތްޕުޅުން މި ފަޚްރުވެެރި އެވޯޑު ލިބިވަޑައިގަތްކަމަށް ޓަކައި، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޝަރަފުވެރި ރާވީގެ އެވޯޑު ދެއްވަނީ އެ ބޭފުޅަކު ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށެވެ. ކަށިމާ ޝާކިރު ވަނީ ދިވެހި ތާރީހަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ބޭފުޅުންގެ ހަޔާތުނާމާ ލިޔުއްވާފައިވާކަން ފާހަގަކުރެވެއެވެ.
މިހާރު ޝާކިރުގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހި ޤައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަޤުޞަދުގައި ރައީސް މުއިއްޒު އުފެއްދެވި ދިވެހިތަރިކާ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.

