ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ޤަލޮޅު ރަސްމީ ދަނޑަށް ބަދަލުކުރަން ނިންމައިފިއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 19 އިން ފެށިގެން، ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައި ފެށިއިރު ކޮންމެ ދުވަހަކުވެސް އެތަށް ސަތޭކަ ބިދޭސީނެއް ދަންވަރުން ފެށިގެން އޮފީސް ދޮރުމަތީގައި ކިއުހަދައިގެން ތިބެއެވެ.
އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ބިދޭސީން ގިނަ އިރު ކިއުގައި ކޮޅަށް ނުތިބެ ފަސޭހަ އިންތިޒާމެއްގެ ތެރެއިން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ހަމަޖައްސާނެ ކަމަށެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިދޭސީން ކިއު ހަދައިގެން ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް މިނިސްޓަރ ފައްޔާޒު ގަލޮޅު ދަނޑު މިއަދު ބައްލަވާލައްވާފައިވާ ކަމަށެވެ.
https://twitter.com/AhmedMahloof/status/1178908927896875008
މަހުލޫފުގެ އެ ޓުވީޓު ރީޓުވީޓު ކުރައްވާ މިނިސްޓަރ ފައްޔާޒު ވަނީ ބިދޭސީންގެ މަސައްކަތް ލުއި ކޮށްދިނުމަށް ދަނޑު ހަމަޖައްސަވައިދެއްވީތީ މިނިސްޓަރ މަހުލޫފަސް ޝުކުރު އަދާކުރައްވާފައެެވެ. އަދި ވީ އެންމެ އަަވަހަކަށް މަސައްކަތް ދަނޑުގައި ފަށާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
https://twitter.com/faya_i/status/1178911695491649536
އިކޮނޮމިކް މިނިސްޓްރީއިން ދަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ހުއްދަ ދިނުމުގެ ގޮތުން ކާޑު ދޫކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ސަންގަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ދުވާލެއްގެ މައްޗަށް 150 ކާޑު ދޫކުރަމުންދާ ކަމަށެވެ. އޭގެތެރެއިން 100 ކާޑަކީ ޑޮކިއުމަންޓް އޮތް ބިދޭސީންނަށް ދޫކުރާ ނަންބަރުކަމަށާއި އަދި އަނެއް ފަންސާސް ކާޑަކީ ޑޮކިއުމަންޓް ނެތި އުޅޭ ބިދޭސީންނަށް ދޫކުރާ ނަންބަރު ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން 6 މަސް ދުވަސް ވަންދެން ބިދޭސީ ފަރާތްތަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ކާރޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އެޅިގެން ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ ރެގިއުލަރައިޒް ނުކޮށްދެވޭ ބިދޭސީންގެ ދަފްތަރެއް މިނިސްޓްރީން ބަލަހައްޓާނެއެވެ. ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

