ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި އެންމެ މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމަށް ހިންގި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު 56 ޑައިވަރުން ތަމްރީނުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިކަން ޝިޔާމް ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ތ. ގުރައިދޫގައި ސެނަހިޔަ ހައިޕަރބަރިކް ސެންޓަރ ހުޅުއްވައިދެއްވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ސެންޓަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުވި ފުރަތަމަ ސެންޓަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދެއްވާފައެވެ. އަދި މިކަމަށްޓަކައި ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލައި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުކުރާ މުހިއްމު އެތައް މަސައްކަތްތަކެއް މިސަރުކާރުން ދަނީ ކުރަމުން،“ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ސެންޓަރުތައް ހުޅުވުމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެކެވެ. އަދި މިހާރުވެސް އިތުރު ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

