ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގުރައިދޫގައި އަޅާ އެއާޕޯޓަކީ އެ ރަށަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރާއްޓެއް ކަމަށެވެ. އަދި އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކައި މިހާރު ނިމިފައިވާތީ، 22 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގުރައިދޫގައި އެއާޕޯޓެއް ގާއިމުކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މި އެއާޕޯޓު ހެދުމުން އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ޓޫރިޒަމް ދާއިރާއަށްވެސް މީގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫއުގެ ދަށުން ގުރައިދޫގައި ހެދޭ އެއާޕޯޓަކީ ޒަމާނީ ފެންވަރުގެ އެއާޕޯޓަކަށް ވާނެއެވެ. އަދި މި އެއާޕޯޓު ހެދުމުން އެ ސަރަހައްދުގެ އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބެލެވެއެވެ.

