ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލުގެ ކަންކަން މަޖިލީހުން ނިންމަވައި، ތަސްދީޤުކުރައްވަން ފޮނުވާ ދުވަހު އެބިލު ތަސްދީޤުކުރައްވާނެކަމަށާ ބިލު، ޤާނޫނަކަށް ވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކޮޅުމަޑުލު ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެ ކަމަށާ، މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫޢަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށާ، ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީވެސް ކޮރަޕްޝަން ނައްތާލުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އަތުން ހިފޭނެ އެއްޗެއް ނޫން ކަމަށާ، ނަމަވެސް މިއީ އިޙްސާސްވާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން، ތަކުރާރުކުރައްވައި އެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަމުގައި ޤަބޫލުފުޅު ނުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ކުރައްވާހާވެސް ކަމަކީ، ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ވެރިކަން ހިންގަވާން ހުރި އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާތަކުގެ ތެރެއިން، މަސައްކަތްތަކުގެ ދުވެލި ހަލުވިކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

