މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީޑީއާތަކުގެ ރަޖިސްޓްރީއާއި ގުޅިގެން ޝަކުވާ ހުށައެޅުމުގެ މުއްދަތު ހުޅުވާލައިފިއެވެ.
އީސީން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ.
މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅުއްވާނީ މިއަދުން ފެށިގެން ފެށިގެން 2025 ސެޕްޓެންބަރު 29 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅުއްވާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، registration@elections.gov.mv އަށް ފޮނުއްވައިގެންނެވެ.
މީގެއިތުރަށް އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށާއި އޮބްޒާވް ކުރުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން 2025 އޮކްޓޫބަރު 2 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ނިޔަލަށެވެ.
މި އިންތިޚާބުގައި މޮނިޓަރަކަށް އަދި އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ބްރޯޑްކާސްޓަރުން ނުވަތަ އެހެން މީޑިއާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓެއް މެދުވެރިކޮށް މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ.
އިލެކްޝަނުން ބުނެފައިވަނީ މި އިންތިޚާބުގައި ޤާއިމުކުރާނީ 1 (އެކެއް) ވޯޓުލާ މަރުކަޒު ކަމަށެވެ. އަދި ވޯޓުލާ މަރުކަޒު ހުންނާނީ މާލެ ސިޓީގައެވެ. އޮބްޒާވަރުންގެ ގޮތުގައި ވޯޓުލާ މަރުކަޒަށް ވަނުމަށް ފުރުޞަތު ދެވޭނީ ވޯޓުލާ މަރުކަޒުގައި ޖާގައޮތް މިންވަރަކުން، ކޮންމެ ޙައިސިއްޔަތަކުން 1 (އެކެއް) އޮބްޒާވަރަކަށެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު އާއި އީސީން ގެޒެޓުގައި ޢާންމުކޮށްފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް އޮބްޒާވަރުން ޢަމަލުކުރަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

