ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި 4 އަހަރުގެ ހުކުމެއް އިއްވައިފި އެވެ.
މި މައްސަލައަކީ މިއީ، ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާއި ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކޮށްފައިވާ މައްސަލައެވެ.
މި މައްސަލާގައި ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމެންޓް ހެޑް، މަރްޔަމް ދީނާގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މިކަމުގައި ހަރުކަށި އަދަބު ކަނޑައަޅަން ނިންމި ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ކުރާ މީހުންނަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި މައްސަލައިގައި ސައީދަށް ކަނޑައެޅި އަދަބަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބެވެ. އެއީ ހަތަރު އަހަރަަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފައެވެ. އަދި އޭސީސީގައިވެސް އޭނާ އަށް ތުހުމަތުވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޮތް ކަން ފާހަގަކުރެވެއެވެ.

