ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މަގުތަކަށް ނިކުންނާނެކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައި ވަނީ އެ ޕާޓީގެ ވެރިކަމުގެ ދުވަސްވަރު ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށެވެ.
އަނެއްކާވެސް ފެނަކައިގެ ކޮރަޕްޝަނާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައީ، 2021 އިން 2023 އަށް ކުންފުނި ހިންގާފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓާއި އެކު އެވެ. ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ހިމެނޭ، މި ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކަ ކުންފުނީގެ މާލީ ހާލަތު އަހަރުން އަހަރަށް ދިޔައީ ގޯސްވަމުންނެވެ.
އެގޮތުން ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއާއި، ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރި ފައިސާ އެކަށީގެންވާ ގޮތެއްގައި މެނޭޖް ނުކުރެވުމުގެ ސަބަބުން، ކުންފުނީގެ ދަރަނި އިތުރުވެ، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އޮތްކަން ރިޕޯޓުން އެނގެއެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 773 ބިލެއް ނުދައްކާ ހުރިއިރު، މި ބިލުތަކުގެ ޖުމްލަ އަދަދަކީ 2.9 ބިލިއަން ރުފިޔާއެވެ.
އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން އޭރު ތަކުރާރުކޮށް ވާހަކަ ދެކެވުނު ނަމަވެސް، އެ ވާހަކަތައް ދިފާއުކުރި އެވެ. އަދި މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތައް ވެސް ބޭރުކޮށްލި އެވެ.
މި މައްސަލައިގައި މިއަދު ނެރުނު ބަޔާނުގައި އެމްޑީޕީ ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓު އެ ޕާޓީން ކުށްވެރި ކުރާކަމަށެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާކަމަށް ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ”ޕްރޮޕަގަންޑާ މެޝިނުން“ ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް އެ ޕާޓީން ޖަވާބުދާރީ ވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައިކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ނަންގަވާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް އެމަނިކުފާނުގެ ބާރާއި ނުފޫޒު ފޯރުވަމުންދާކަމަށެވެ.
މީގެ އިތުރުން، އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދާކަމުގެ ތުހުމަތުކޮށް ބުނީ މިއީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވުންކަމަށެވެ.
މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި މި ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެކެވެ. މިއީ ވެސް މުއިއްޒުގެ
އެމްޑީޕީން ބުނި ގޮތުގައި މިފަދަ ރިޕޯޓެއް ނެރޭއިރު ކަމުގައި ޝާމިލުވަކަމަށް ބުނާ މީހުންނާއި ތުހުމަތު ކުރާ މީހުންނާއި އެއްވެސް ސުވާލު ކުރުމެއް ނެތެވެ. އަދި އެއާއި ހިލާފަށް ރިޕޯޓު އާންމު ކުރުމުން އެނގެނީ މިއީ ސިޔާސީ ރިޕޯޓެއްކަންކަމަށް ބުންޏެވެ. އަދި ބުނެފައި ވަނީ މިއީ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
ފެނަކަ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ބުނެފައި ވަނީ މިއީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިިޕޯޓެއް ކަމަށެވެ.
މިއާއި އެކު ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު 2 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

