އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޔަމަން މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ އަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހިފައި ވަނީ ރާއްޖެ ދޫކޮށް ދާން އެންގުމުން އެކަމަށް އިންކާރު ކުރަމުން ދާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް، ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސް ކުރުމަކާ ނުލައި މިދިޔަ އަހަރުން ފެށިގެން ހައްޔަރު ކޮށްފައި ހުންނަ ޔަމަނު މީހާ ބަންދުގައި ހުންނަ އިރު އޭނާ އަށް ހައްގުތައް ނުލިބޭ ކަމަށް ބުނެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހޯމް މިނިސްޓަރު ކަމާއި ހަވާލުވުމަށްފަހު މިދިޔަ ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ޔާސިރު އާއި ގުޅޭގޮތުން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އޭނާގެ މައްސަލާގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އިމްރާން ވިދާޅުވެފައިވާގޮތުން، ޔާސިރު އާއި ގުޅޭގޮތުން އާއްމުކޮށްފައިވަނީ އެންމެ ރަނގަޅު މައުލޫމާތުތަކެއް ނޫނެވެ. އިމްރާން ވަނީ، އާއްމުންނާއި މީޑިއާތަކާއި ހަމައަށް އައިސްފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫންކަން ކަށަވަރުކަން އޭނާއަށް ދަންނަވަން ކެރޭކަމަށް ވިދާޅުވަފައެވެ. އޭގެ ފަހުން ޔާސިރު އާއި ބެހޭ އެއްވެސް މައުލޫމާތުތަކެއް މީޑިއާތަކާއި ހިއްސާކޮށްފައެނުވެއެވެ. ނަމަވެސް، ޔާސިރު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާއިރު އެކަމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި މި ހަފްތާތާގެ ތެރޭގައި އެޑްމިޓު ކުރުމާއި އެކު އޭނާގެ ވާހަކަ އަނެއްކާވެސް ދެކެވެން ފެށީއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، ޔާސިރު އާއި ގުޅޭ މައުލޫމާތުތައް ބައިނަލްއަގްވާމީ އެކި އިދާރާތަކުންވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާއާއި ޓެރަރިޒަމް އާއި ގުޅުން ހުރި ކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޔާސިރު ޖަލުގައި ގޮތް ދޫނުކޮށް ހުންނަނީ އަމިއްލަ އިހުތިޔާރުގައިކަމަށާއި އެންމެ ފުރަތަމަވެސް އޭނާ ރާއްޖެއިން ފުރައިގެން ދާން އެދުމުން އެކަމަށް ދެކޮޅު ހެދީ ކަމަށެވެ. ނަމަވެސް، މީގެ ދެ މަސްދުވަސް ކުރިން ފުރަން ބޭނުންވާ ކަމަށް އޭނާ ބުނުމުން ފުރުމުގެ ކަންކަން ކަމާއި ބެހޭ ފަރާތްތަކުން ކުރި ކަމަށެވެ. ނަމަވެސް، ފަހު ވަގުތު ބަހަނާއެއް ދައްކާފައި ދާން ދެކޮޅު ހެދީ ކަމަށެވެ.
”ހުރިހާކަމެއް ހަމަޖައްސާފައިވަނިކޮށް އޭނާ ބުނަނީ ޕާސްޕޯޓެއްނެތޭ. ދެން ކިހިނެތްތޯ ހަދާނީ..ހަގީގަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުން ރާއްޖެއިން އޭނާގެ އެއްވެސް ހައްގަކަށް އަރައިގެންފައެއް ނުވާނެ.“ މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޔާސިރު ރާއްޖެއިން ފޮނުވާލުމަށް ހުރަސްތަކެއް އެބަހުރިކަމަށާ އޭނާއާއި ގުޅޭ އެއްވެސް ލިޔުމެއް ފެންނާން ނެތް ކަމަށެވެ. އަދި ޔާސިރު ހައްޔަރުކޮށްފައިވަނީ އޭނައަކީ ރާއްޖެއަށް އޮތް ނުރައްކަލެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އޭނާއަކީ ބޮޑު ޓެރަރިސްޓެއްގެ ގޮތުގައި ދުނިޔޭގެ އެތައް ގައުމަކުން ކަނޑައަޅާފައިވާ ކަމަށެެވެ. އަދި، ޔާސިރުގެ އެކި މައުލޫމާތުތައް ވެސް ދުނިޔޭގެ ގައުމުތަކުން އާއްމުކޮށްފައިވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

”މި ދަރަޖައިގެ މީހަކު އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރުމަކީ ރައްކާތެރިކަމެއްކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ވަޒީފާ އަދާކުރަމުން ގެންދިއުމުގެ ތެރޭގައިވެސް ރާއްޖޭގެ، އަޅުގަނޑުމެންގެ މި ދިވެހި މާހައުލުގައި ހިމެނޭ ޓެރަރިޒަމަށް ވާގިވެރިވާ ޓެރަރިސްޓު ހަރަކާތްތަކުގައި ބައިވެރިވާކަން އަދި އެކި ޖަމިއްޔާތަކާއި ގުޅުންތަކެއް ބާއްވަމުން ދިޔަކަށް ފުލުހުންގެ މުއައްސަސާ އަށް އެނގޭ “ އިމްރާން ވިދާޅުވިއެވެ.
ޔާސިރު އާއި ގުޅޭ ލިޔެކިޔުންތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެކަން ވެސް ނާކާމިޔާބު ވެފައިވާކަމަށެވެ. ޔަމަންގެ މި ވަގުތު އޮތީ ހަނގުރާމައިގެ ހާލަތުގައި ކަމުން އެ ގައުމުގެ ސަރުކާރާއި ވާހަކަދެކެވޭފަދަ ގޮތެއް ވެފައިނުވާކަމަށެވެ. ނަމަވެސް، ޔާސިރުއަށް ރާއްޖެއިން ފުރައިގެން އޭނާގެ ގައުމަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އިމްރާން ވަނީ ތަކުރާރު ކުރައްވާފައެވެ.
”ޕާސްޕޯޓްވީތަން ކޮންމެވެސް ގޮތަކުން އޭނާއަށް އެނގޭނެ. އޭނާ ހަމަ ގަސްތުގައި ފޮރުވައިގެން އުޅެނީކަމަށް އަޅުގަނޑު ދެކެނީ.“ އިމްރާން ވިދާޅުވުއެވެ.
2017ވަނަ އަހަރުން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔާސިރު ވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައެވެ. އެކަމާއި ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ މިހާރު ގެންދަނީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. ނަމަވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލަން އޭނާ ބޭނުމެއް ނުވެއެވެ.
ޔާސިރުގެ މައްޗަށް ދައުވާއެއް ކުރުމެއްނެތި ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާތީ އެކަމާ އާންމުންގެ ބައެެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޔާސިރު އެންމެ ފުރަތަަމަ ހައްޔަރުކޮށްގެން ދިޔައީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައެވެ. ނަމަވެސް، އޭނާ ބަންދު ކުރި އަދި ހައްޔަރު ކުރަންޖެހުނު ސަބަބެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އޭރު އޭނާ ހައްޔަރުކުރި ދުވަސްވަރަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދުވަސްވަރެވެ. އޭރުވެސް އޭނާ ހައްޔަރުކުރީ ޓެރަރިޒަމްގެ ކުށުގައި ކަމަށް އަޑުތައް ފެތުރިގެން ދިޔައެވެ.
ޔާސިރުގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރާއިރު އޭނާގެ އަންެހެނުން ވަނީ އެކަން ދޮގުކޮށްފައެވެ. ޔާސިރު ބަންދުކުރުމާ ގުޅިގެން އަންހެނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އާއި ވަކީލަށް ވެސް އެންގުމަކާ ނުލައި ޔާސިރުގެ ބަޔާންތަކެއް ނެގި ކަމަށެވެ. އޭގެ ތެރޭގައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ފުލުހުން ހިމެނޭ ކަމަށް ބުނެ އެފްބީއައި އިން ބަޔާން ނެގި ސަބަބާ މެދު އޭނާ ސުވާލު އުފައްދާފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާސިރަށް އެކި ގޮތްގޮތުން ބިރު ދައްކައިގެން ކަންތައްތަކަށް އެއްބަސް ކުރުވަން މަސައްކަތް ކުރި އެވެ. އޭނާގެ ވިސާ ކެންސަލްކޮށް، ހަނގުރާމަ ހިނގަމުންދާ ޔަމަނަށް އޭނާ އާއި އާއިލާ ފޮނުވާލަން އިމިގްރޭޝަނުން މަސައްކަތް ކުރި ކަމަށް ވެސް އަންހެނުން އޭރު ތުހުމަތު ކުރި އެވެ.
”ޔާސިރު ހައްޔަރު ކުރަން ގެނައި ވޮރަންޓްގައި، އެއީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް ލިޔެފައި އޮޮތަސް ޔާސިރަކީ މި ގައުމުގެ އެއްވެސް ގާނޫނަކާ ޚިލާފް އެއްވެސް ކަމެއްގެ ރެކޯޑެއް ނެތް، ގާނޫނާ އެއްގޮތަށް ކައިވެނި ކޮށްގެން މި ގައުމުގައި ފަސް އަހަރު ވެފައިވާ އަދި މާލޭގެ ޕަބްލިކް ސްކޫލެއްގައި އަރަބި ލެންގުއޭޖް ކިޔަވައި ދެމުންދާ މުދައްރިސެކެވެ،“ ޔާސިރުގެ އަންހެނުން މިދިޔަ އަހަރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޔާސިރު ބަންދުކޮށްފައި ހުންނަނީ އެކަހެރިކޮށް ކަމަށް އޭނާގެ އަންހެނުން ތުހުމަތު ކުރެއެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ޔާސިރު ބަލިކަށިވެފައިވާ ކަމަށެވެ. އޭނާ ގޮޅިން ނެރެނީ ވެސް ބިޑި އަޅުވައިގެން ކަމަށާއި އޭނާ ބަހައްޓާފައި ހުންނަ ގޮޅިއަކީ ހޫނުގަދަ ގޮޅިއެއްކަމަށް ވެސް އޭނާގެ އަންހެނުން ބުނެފައިވެ އެވެ.
ޔާސިރު ހައްޔަރުގައި ބަހައްޓާފައިވާ އިރު އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއްވެސް ކޮށްފައެއް ނުވެ އެވެ.

