އެމްޑީޕީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުޒާހަރާއާއި ދިމާކޮށް ހަމަނުޖެހުންތަކެއް ހިންގުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
އެމްޑީޕީން އޮކްޓޫބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގާނޫނީގޮތުން ކަނޑައެޅިފައިވާ އިމުގެ ތެރެއިން ސުލްހަވެރިކަމާއިއެކު ހިންގޭ ހަރަކާތްތަކުގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ އެ މުއައްސަސާއިން އިސްކަންދޭ ކަމެއް ކަމަށެވެ.
ނަމަވެސް ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުން ދައްކާގޮތުގައި، މި މުޒާހަރާގައި ފުލުހުން ކަނޑައަޅާފައިވާ ރޫޓާއި ހިލާފުވެ، އެކި ބައި ބަޔަށް ބެހި، ކުށްކުރާ ގުރޫޕުތައް މަގުމައްޗަށް ނެރެ، ތަންތަނަށް ގެއްލުންދީ މާލެތެރެ ހަލަބޮލިކުރުމަށް ބަޔަކު ރާވާފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވެއެވެ.
”މިފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ އަމާންކަމާއި ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ފުލުހުން ދެކޭ“ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވަނީ އިންޒާރުދީފައެވެ.
އެމްޑީޕީން އިންތިޒާމުކުރާ މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ސުލްހަވެރިކަމާއެކު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

