އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓު ރިޕޯޓުގައި އެމްޑީޕީގެ ވެރިކަމުން ފެށިގެން ކުރެވުމުން އައި ތުހުމަތުތަކުގެ ވާހަކަތައް ވެއެވެ. އޭގެ ތެރޭގައި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ބޭނުންކޮށްގެން އާއިލީ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުމާއި، ބިޑިން ޕްރޮސެސްއެއް ނެތި ޕްރޮޖެކްޓުތައް އެވޯޑު ކުރުން ހިމެނެ އެވެ. މީގެއިތުރުން މާކެޓު ރޭޓަށް ވުރެ ބޮޑު އަގުގައި ހަރަދުތައް ކުރުމާއި، ޕެޓީ ކޭޝްއާއި ގުޅޭ މައްސަލަތައް ހިމެނެ އެވެ.
މި ރިޕޯޓާއި އެކު ތަހުގީގުތައް އަވަސް ކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.
ރިޕޯޓުގެ މައްސަލަ ބަލައި އަވަސް ފިޔަވަޅު އެޅުމަށް ގޮވާލަމުން ދަނިކޮށް، ފެނަކައިން ހިދުމަތް ދިނުމާއި ހިދުމަތް ހޯދުމުގައި އަމަލު ކުރި ގޮތް ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝަމީޒެވެ. އަދި އެ މައްސަލަ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. އެޖެންޑާގައިވާ ގޮތުން މި ގަރާރުގެ އިބްތިދާއީ ބަހުސް މާދަމާ ކުރިޔަށް ގެންދާނެ އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓު ރިޕޯޓުން، 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިން މުދަލާއި ހިދުމަތްތައް ހޯދުމަށްޓަކައި 8.83 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އާންމު އޮޕަރޭޝަންތަކަށް ބޭނުންވާ ހިދުމަތްކާއި މުދާވެސް ހޯދާފައިވާއިރު، އޭރު ކުންފުނީގެ މާލީ ހާލަތު އޮތްގޮތަށް ބަލާއިރު މުހިންމު ނޫންކަމަށް ފެންނަ ގިނަ ކެޕިޓަލް މަސައްކަތްތަކަކަށް މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި އާންމު ބީލަން އުސޫލުން ބޭރުން އަމަލުކޮށްފައިވެއެވެ.
މި ރިޕޯޓުން ދައްކާގޮތުން، ރޭވުންތެރިކަމާއި އެއްވެސް ޒިންމާދާރުކަމެއް ނެތި އަގުބޮޑުކޮށް ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ކުންފުންޏަށް މާލީ ބޮޑެތި ގެއްލުންތައް ވެގެންދާގޮތަށް ފައިސާ ހަރަދުކޮށްފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އެކި މަސައްކަތްތަކަށް ޖުމުލަ 674 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، 2.24 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރިޕޯޓުގައި ވެއެވެ.މީގެ ތެރެއިން 65 އިންސައްތަ ނުވަތަ 439 އެއްބަސްވުމަކީ ވާދަވެރި ބީލަން އުސޫލުން ބޭރުން މަސައްކަތްތައް ހަވާލުކުރެވިގެންދިޔަ އެއްބަސްވުންތައްކަމަށާއި، 1.37 ބިލިއަނަށްވުރެ ބޮޑު އަދަދެއް މި އެއްބަސްވުންތައް މެދުވެރިކޮށް އެކި ފަރާތްތަކަށް ދޫކުރިކަން އޮޑިޓުން އެނގެއެވެ.
ރިޕޯޓުގައި އިތުރަށް ވަނީ، 2023 ވަނަ އަަހަރުގެ ނިޔަލަށް ފެނަކަ ކުންފުނިން 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުރި ކަމަށެވެ. އަދި 2018 ވަނަ އަހަރުގައި ހުރި މިންވަރާއި އަޅާބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ދަރަނި 389 އިންސައްތައިން އިތުރުވެފައިވާކަން މި ރިޕޯޓުން ހާމަވެއެވެ. މިކަމަށް ބަލާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާކަން އެނގެއެވެ.
އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން 2021 އިން 2023 އަށް ކުރިއަށް ގެންދިޔަ 57 ޕްރޮޖެކްޓަށް 1 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުވި އެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ގިނަ މަސައްކަތްތައް ނުނިމެ އެވެ.
ރިޕޯޓުގައިވާ ގޮތުން، މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ 33 އައު އޮފީސް އިމާރާތް އެޅުމާއި 24 އައު އިންޖީނުގެ އެޅުމުގެ މަސައްކަތްތަކެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓްތަކަށް 1 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އެހެން ނަމަވެސް، މި ހުރިހާ ޕްރޮޖެކްޓްތަކުގެ ތެރެއިން ނިމިފައިވަނީ އެންމެ 9 އޮފީސް އިމާރާތާއި 7 އިންޖީނުގެ އެޅުމުގެ މަސައްކަތް އެކަންޏެވެ. އަދި ނުނިމިހުރި 41 ޕްރޮޖެކްޓްގެ ތެރެއިން 33 ޕްރޮޖެކްޓްގެ މަސައްކަތް ނިމިފައިވަނީ 50 އިންސައްތައަށް ވުރެ ކުޑަކޮށެވެ. އަދި 50 އިންސައްތައަށް ވުރެ އިތުރަށް މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އެންމެ 8 ޕްރޮޖެކްޓެވެ.
މި ރިޕޯޓު އާންމު ކުރުމުން، އެމްޑީޕީއާއި ސައީދު ވެސް ވަނީ ބަޔާނެއް އާންމުކޮށް އޮޑިޓުގައި ހުރި ކަންކަން ދޮގުކޮށްފަ އެވެ.

