ނިމިދިޔަ 19 ވަނަ މަޖިލީހަށް އިސްރާއީލު ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ ހުށައަޅައިގެން، އެއްވެސް މަސައްކަތެއް ނުކޮށް އެކަން ދުއްވާލީ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކި ގައުމުތަކުން ދަތުރުފަތުރު ކުރަމުންދާ ފަރާތްތަކަށް އިސްރާއިލުން ހުރަސްއަޅަމުންދާތީ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން، މެމްބަރު ފަލާހު ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ކަމަށެވެ.
ފަލާހު ވިދާޅުވީ ”ދިވެހިންނަކީ އަބަދުވެސް ފަލަސްތީނާއި އެކު އޮންނަ ބައެއް“ ކަމަށާއި، މިއީ ޒަމާނުއްސުރެ އަޑުއިވެމުން އަންނަ ވާހަކައެއް ކަމަށެވެ. އަދި އަބަދުވެސް އެ ގައުމަށް ވެދެވެން އޮންނަ އެހީއެއް، ފޯރުކޮށްދެވެން އޮންނަ އެންމެ މަތީ މިންވަރަކަށް، އޭރެއްގެ އޮންނަ ދައުލަތަކުން ދާނީ ފޯރުކޮށްދެމުން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިސްރާއީލާއި އެކު ސިޔާސީ ގުޅުން ގާއިމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، އެގޮތުން ޑައިރެކްޓް ފްލައިޓުތައް އިސްރާއިލުން ރާއްޖެ އަންނަގޮތަށް ބޭއްވުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފަލާހު ފާހަގަކުރެއްވިއެވެ.
”މުޅި ދުނިޔޭގައިވެސް ފާހަގަކުރެވޭ އެންމެ މުހިންމު އެއް ފިޔަވަޅެއް އިސްރާއީލާއި ދެކޮޅަށް އެޅި އެއް ގައުމަކަށް ވާނީ ދިވެހިރާއްޖެ“ ކަމަށް ފާހަގަކުރައްވައި، މިހާރު އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި މިއަދުގެ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.
ނިމިދިޔަ 5 އަހަރު އެމްޑީޕީއަށް އިސްރާއީލު ޕާސްޕޯޓު މަނާކުރަން ނުކެރުނު ކަމަށް ފާހަގަކުރައްވައި، އެހެންނަމަވެސް އެމްޑީޕީއަކީ މޮޔައިން ނޫންކަން ރޭގައި ބޭއްވުނު ޕީއެންސީގެ ޖަލްސާއިންވެސް ފެނިގެންދިޔަ ކަމަށް ފަލާހު ވިދާޅުވިއެވެ.

