ގްލޯބަލް ސުމޫދު ފްލޮޓިލާ މޫވްމެންޓްއަށް ރާއްޖެއިން ދެވެން އޮތް އެހީތެރިކަމެއް ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
މި މައްސަލަ ހުށައެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ. މިއީ ފަލަސްތީނުގެ ޢައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް އިޒްރާއީލުން ހުރަސްއަޅަމުންދާ ދިއުން ކުށްވެރިކޮށް ހުށައެޅި މައްސަލައެކެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެ، ނަސްލު ނައްތާލުމަށް އިޒްރާއީލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޢައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅާފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. މި ބްލޮކޭޑު ނައްތާލުމަށް މައުރޫފްގެ ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާނެ ކާނާއާއި، ބޭހާ ޒަރޫރީ އެހެން ކަންކަން ފޯރުކޮށްދިނުމަށް ދަތުރުކުރާ ފްލޮޓިލާގައި ދިވެހިން ތިބިކަން މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ޢައްޒާއަށް މި ތަކެތި ފޯރުކޮށްދިނުމަށް ރާއްޖެއަށް ކުރެވެން އޮތީ ކޮންކޮން ކަންތައްތަކެއްތޯ ދެނެގަންނަންޖެހޭކަމަށް މައުރޫފް ވިދާޅުވިއެވެ.
ދިވެހި ދައުލަތުގެ ފަރާތުންވެސް މި މޫވްމެންޓުގައި ބައިވެރިވުމަށް ގޮވާލާފައިވެއެވެ.
މި މައްސަލަ މަޖިލީހަށް ބަލާގެންފައިވަނީ ޖަލްސާގައި ބައިވެރިވީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ޢައްޒާގެ ރައްޔިތުން ބަނޑުހާހޫނުކަމުގެ ހާލުގައި ބައިތިއްބައިގެން އިޒްރާއީލުން އެ އަމަލުތައް ހިނގަމުން ދަނީ ވަރަށް އަނިޔާވެރި މަގްސަދެއްގައިކަމަށް ވިދާޅުވެފައެވެ. މިއީ ޢައްޒާއަކީ އިޒްރާއީލުގެ ބައެއްކަމަށް ހެދުމަށް ކުރާ މަސައްކަތެއްކަމަށް ފާހަގަކޮށް، މުޅި ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް އިޒްރާއީލުން ކުރަމުން ގެންދާ މަސައްކަތްތައް މައުރޫފް ތަކުރާރުކޮށް ކުށްވެރިކުރެއްވިއެވެ.
މިއަދު އަޅުގަނޑުމެންނަށް އެނގިގެން މިދަނީ 50 އަށްވުރެ ގިނަ، އުޅަނޑުތައް ހިމެނޭ ގޮތަށް، އުޅަނދުތަކުގެ ލަޝްކަރެއް ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ގައުމުތަކުގެ ރައްޔިތުން ހިމެނޭ ގޮތަށް، އެ ބްލޮކޭޑު ނައްތާލުމަށްޓަކައި އިންޓަނޭޝަނަލް ކަނޑުގައި މަސައްކަތްކުރަމުންދާކަން.
މައުރޫފް ވިދާޅުވިއެވެ.
ދުނިޔޭގެ 50 އެއްހާ ގައުމުން އެތައް ސަތޭކަ ރައްޔިތުންނާއިއެކު ދަތުރުކުރަމުންދާ ފްލޮޓިލާގެ މަސައްކަތަށް މައުރޫފް ވަނީ ތައުރީފް ކުރައްވާފައެވެ. މި މަސައްކަތަކަށް އަމާޒުކޮށް ހަމަލާ ދެމުންދާކަށްވެސް ފާހަގަކޮށް މައުރޫފް ވިދާޅުވީ، އިޒްރާއީލަކީ އަނިޔާވެރި ބައެއްކަމަށެވެ. އެ ބޯޓުތަކުގައި ތިބި ފަރާތްތައް މަރާނުލާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް މައުރޫފް ވިދާޅުވިއެވެ.
ރާއްޖެއިން ބަޔަކު ލޫޓުވަމުންދާއިރުވެސް، އެކަމުގެ ދިފާއުގައި ގައުމަށްޓަކައި ތެދުވާން ރައްޔިތުން ފަސް ޖެހޭއިރު، ޢައްޒާގެ މައްސަލައިގައި ފެނިގެންދަނީ ނުވެސް ވާ ކަމެއްގެ ތެރެއަށް ގަދަ ހިތްވަރުގައި، މަރަށް ފަސް ޖެހުމެއް ނެތި މަސައްކަތް ކުރާ މަންޒަރުކަމަށް މައުރޫފް ވިދާޅުވިއެވެ.

