ދިވެހިންތަކެއް ހިމެނޭ ”ގްލޯބަލް ސުމޫދު ފްލޮޓިލާ“ އަށް އިޒްރާއީލުން ދިން ހަމަލާއާ ގުޅިގެން، މި މައްސަލައިގައި ސިޔާސީ ކަންކަމުން އެއްކިބާވެ ގުޅިގެން މަސައްކަތްކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ގޮވާލައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އިޒްރާއީލުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވީ، ޢައްޒާގައި ތިބި ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ފްލޮޓިލާއަށް އިޒްރާއީލުން ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ސިޔާސީ ކުލަވަރު ނުޖެހި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
”މިއީ ބައިޕާޓިސަން މައްސަލައެއްގެ ގޮތުގައި މި ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ސަރުކާރުންވެސް ބަލައިގަނެ މިކަމުގައި ތަންކޮޅެއް ބޮޑަށް އަހަމިއްޔަތުކަމެއް ދީގެން މަސައްކަތްކުރެއްވުން ވަރަށް މުހިންމު،“ މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި މިހާރު ފެންނަމުންދަނީ އެއް ޕާޓީން އަނެއް ޕާޓީގެ ބޮލުގައި މި މައްސަލަ އަޅުވަން މަސައްކަތްކުރާ މަންޒަރެވެ. އަދި ދީނީ ގޮތުން ސިޔާސީ މަންފާ ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އިޒްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް 1948 އިން ފެށިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މީކާއީލް ވާހަކަފުޅު ދެއްކެވިއެވެ.
ޚާއްޞަކޮށް މިހާރު ދަތުރުކުރަމުންދާ ފްލޮޓިލާގައި ދިވެހިން ހިމެނޭއިރު، މި މައްސަލައިގައި ފޮރިން މިނިސްޓްރީން އެއްވެސް ބަޔާނެއް ނެރެފައިނުވާކަން ފާހަގަކޮށް، މީކާއީލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިފަދަ މުހިންމު މައްސަލައެއްގައި ދައުލަތުގެ މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

