ވެރިކަމާއި ހަވާލުވިއިރު، ފައިސާ ނުދީ ހުރި އެތައް ބިލުތަކެއް ހުރިއިރު ކުރިޔަށް އޮތް ފަސް ހަފްތާގެ ތެރޭގައި ގާނޫނާއި ގަވައިދުތައް ކަނޑައަޅާފައިވާ ގޮތުގެ މަތީން މި ފައިސާ ދައްކާ ނިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭ ކަމަށެވެ. އަދި ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވައިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ ރާއްޖެ ވެއްޓިފައި އޮތް ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން ހާސިލު ކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

