ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ހިޔާނާތް ސިޔާސީ ނުކޮށް، އިންސާފުވެރިކަމާއިއެކު ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ: ޢަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޢަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ހިޔާނާތް ސިޔާސީ ނުކޮށް، ފިޔަވަޅު އަޅަން ޖެހޭނީ އިންސާފުވެރިކަމާއި އެކު ކުރިޔަށް ގެންދާ ތަހުގީގަކަށް ފަހުކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ފެނަކައިގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޢަފޫރު ވިދާޅުވީ، މި ގަރާރަށް އޭނާ ތާއީދު ކުރައްވާކަމަށެވެ. ފެނަކައަކީ ފެށުނީއްސުރެ ކޮންމެ ސަރުކާރެއްގައި ވެސް ވައްކަމުގެ ހާއްޔެއްކަމަށާއި، މިއީ ސިޔާސީ ވާހަކަތަކެއް ނޫންކަމަށެވެ.

މިކަމުގައި ވަކި ސަރުކާރަކަށް އިނގިލި ދިއް ކުރުމެއް ނެތްކަމަށް ޢަފޫރު ވިދާޅުވިއެވެ. އަދި ހުރިހާ ސަރުކާރުތަކެއްގައި ވެސް މިކަން ހިނގަނީ މިހެންކަމަށާއި، އަދި މިހާރުވެސް ކަން ހިނގަމުންދާ ގޮތަކީ މިއީކަމަށް ޢަފޫރު ވިދާޅުވިއެވެ.

އޮޑިޓު ރިޕޯޓުން ލިޔެކިޔުން ހަމަނުވާ މައްސަލަތަކެއް ފާހަގަވާން އެބަހުރިކަމަށާއި، އެހެން ނަމަވެސް އެ އަދަދުތަކަށް ވައްކަން ކުރީ ނޫންކަމަށް ފާހަގަކޮށް ޢަފޫރު ވިދާޅުވީ، މިކަން ސިޔާސީ ކުރާނަމަ ހަވާލުވާނެ ފަރާތެއް ނުވާނެކަމަށެވެ.

އެހެންވީމަ މިކަމަކީ، ކޮމިޝަނެއް ހަދައިގެން ވިޔަސް، އަދި މި ނޫން ގޮތެއްގައިވިޔަސް، އިންސާފުވެރި ތަހުގީގެއް ކޮށްފައި ނޫނީ މިކަމާއި ދޭތެރޭގައި ގޮތެއް ނުނިންމޭ ވަރަށް ވުރެ ބޮޑެތި ކަންކަން އިއްޒަތްތެރި ރައީސް މިއީ. އެހެންވީމާ މިކަން ސިޔާސީ ކުރީމާ، ދެން އަނެއްކާވެސް މިކަމުގެ މުއާލާތް ކެނޑިގެންދާނީ އިއްޒަތްތެރި ރައީސް.

ޢަފޫރު ވިދާޅުވީ މިއީ ކޮމިޝަނެއް ހަދައިގެން ނަމަވެސް އިންސާފުވެރި ތަހުގީގެން ހިންގަން ޖެހޭކަމެއްކަމަށެވެ. ވައްކަން ކޮށްފިކަމަށްވާނަމަ، ބަލާ ފިޔަވަޅު އަޅަން ޖެހޭނެކަމަށް ޢަފޫރު ވިދާޅުވިއެވެ. މި ފައިސާ ހަރަދުވީ ގޮތާއި، މި ފައިސާއިން ކޮރަޕްޝަން ހިންގި މީހުން އެނގެން ޖެހޭނެކަމަށާއި، މިކަންކަން ދެނެގަތުމަކީ މެންބަރުންގެ މައްޗަށްވެސް ލާޒިމްވެފައިވާ ޒިންމާއެއްކަމަށް ޢަފޫރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައިވެސް ކުރިއެރުމެއް ނުލިބުނީ ސިޔާސީ ކުރުމުންކަމަށް ފާހަގަކޮށް މިފަދަ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ޢަފޫރު ފާޙަގަކުރެއްވިއެވެ. މިފަދަ ހިޔާނާތްތައް ނުފޫޒު ފޯރުވަން ބޭނުންކުރާ ޓޫލްއަކަށް ވެގެން ނުވާނެކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި މަޖިލީހަށް ހުށައެޅި ގަރާރުގައި ވަނީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ ކުންފުންޏެއްކަމަށްވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވިއިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އެކި ފަރާތްތަކާއިއެކު، އުސޫލުން ބޭރުން އެއްބަސްވުންތައް ހަދާފައިވާކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަންވެސް އޮޑިޓް ރިޕޯޓުން އެނގޭކަމަށްވެއެވެ.

ފެނަކައިގެ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ރައީސް އިބްރާހީމް މުހައްމަުދ ސާލިހަށް 2021 ވަނަ އަހަރު އަންގާފައިވާކަން ހާމަވެފައިވާކަމަށްވެސް ގަރާރުގައިވެއވެެ. މި ތިން އަހަރުގެ މުއްދަތުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކަކީ އޭރުގެ ސަރުކާރުގެ އިސްވެރިންގެ އެންގުމުގެ ތެރެއިން ހިނގާފައިވާ ވައްކަންތަކެއްކަމަށް ބެލެވޭކަމަށް ގަރާރުގައިވެއެވެ. އެކަންކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއްވެސް އަޅާފައި ނުވާއިރު، މިފަދަ އަމަލުތައް ހިންގުމަށް ޖާގަ ލިބޭނެހެން އަމަލު ކޮށްފައިވާކަމަށްވެސް ގަރާރުގައިވެއެވެ.

މި މުއްދަތުގައި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށާއި، މިއީ ޖުމްލަ 673 އެއްބަސްވުމެއްކަމަށްވެސް ގަރާރުގައެވެ. މީގެ ތެރެއިން ގިނަ އެއްބަސްވުންތައް ހަދާފައިވަނީ އާންމު އުސޫލުން ބޭރުންކަމަށް ފާހަގަކޮށް އެގޮތުން މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާން ކޮށްފައި ނުވާކަމަށްވެއެވެ. އަދި މިކަން ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން ބޭނުން ގޮތަކަށް މަސައްކަތް ހަވާލުކުރާނެ ބަޔަކު ކުރިން ކަނޑައަޅާ ނިންމުމަށްފަހު، ހާއްސަ ކޮމެޓީއަކުންކަމަށްވެސް ރިޕޯޓުގައި އެނގެން އެބައޮތްކަމަށް ގަރާރުގައެވެ.

އޭރުގެ ފެނަކައިގެ އެމްޑީ ސައީދު އޭނާގެ އާއިލީ ތިން ކުންފުންޏަކަށްވެސް 49.7 މިލިއަން ރުފިޔާ ކޮންޓްރެކްޓަށް ދީފައިވާކަމަށް އޮޑިޓުން ހާމަވާކަމަށާއި، އެގޮތުން އެ ރިޕޯޓުން ސައީދުގެ އާއިލީ ތިން ކުންފުންޏަކާއިއެކު މުދަލާއި ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް އެ މުއްދަތުގައި ހަދާފައިވާކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ތިން ކުންފުންޏަށް ޖުމްލަ 31.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަންވެސް ހާމަވާކަމަށްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: