އެމްޑީޕީން ފެނަކަ މައްސަލައިގައި ބަޔާނެއް ނެރުމުން ފެނިގެންދަނީ އެޕާޓީގެ ވެރިކަމުގައި ހެދުނު ގޯސްތަކުން ދިފާއުވުމަށް މަސައްކަތްކުރާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ފެހި ގާނޫނުއަސާސީގެ ފޮނި މީރުކަމުގެ ތެރޭގައި 17 އަހަރު ވޭތުވެގޮސްފައިވާއިރު އަބަދު އިވެމުންދާ އެއް ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަތައް ކަމަށެވެ. އަދި އެއްވެސް މުއައްސަސާއެއް އެކަމުން އިސްތިސްނާ ނުވާކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އިވެމުންދަނީ ވައްކަން ކުރާ ވާހަކައާއި ސަރުކާރެއް ބާރުވެރިކަމަށް އަންނަ ކޮންމެ ފުރުސަތެއްގައިވެސް ވެރިކަމުގައި ތިބި ބަޔަކު އަމިއްލައަށް މުއްސަނދިކަން ހާސިލުކުރަމުންދާ ވާހަކަ ކަމަށެވެ. އަދި ތާރީހަށް ބަލާއިރު އެމްޑީޕީން ވެރިކަންތައް ކޮށްފައިވާކަން ފެނިގެންދާކަމަށާއި ބޮޑެތި އަދަދުތަކުން ދަރަނި އިތުރުވެގެންދިޔަކަންވެސް ފެންނަން އޮތްކަމަށެވެ.
ޝަރީފް ވިދާޅުވީ، ކޮވިޑް އައިކަންވެސް ގަބޫލުކުރައްވާކަމަށެވެ. އަދި ލޮކްޑައުންއަކަށް ދިޔައިރު 60 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޗާޕުކޮށްގެން ތިބެ ގިނަ އެހީތަކެއްވެސް ލިބިގެންދިޔައިރު އެ ފައިސާއިން ކުރީ ކީއްތޯ ސުވާލުކުރަންޖެހޭކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެންމެ ލޯލާރިއެއްގައިވެސް ޖެހިވަޑައިގެންފައިނުވާނެކަމަށް ވިދާޅުވާއިރު ބޮޑު އަދަދަކުން ގައުމު ދަރާފައިވާކަން ހިސާބުތައް ހެދުމުން ފެނިގެންދާކަމަށެވެ.
ދެ އަހަރާއި ގާތަށް ގައުމުގެ ހިންގުން އެއްކޮށް ހުއްޓިފައި އޮތްއިރު އާންމުކޮށް ހަރަދުކުރާ ގޮތަށް ހަރަދުނުކުރާނެކަން އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު ފެންނާނެ ހަގީގަތެއްކަމަށެވެ. އަދިި މިގޮތުގެމަތިން ކޮރަޕްޝަންގެ ވާހަކަތައް ދައްކަމުންދިޔަނަމަވެސް ނަތީޖާތަކެއް ނެރެވޭ މަންޒަރު ނުފެންނަކަންވެސް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ކޮންމެ ވެރިކަމެއް ކޮށް ނިމޭއިރު އިސްކޮށް ތިބޭ ބައެއްގެ އާއިލާތަކާއި ގާތް މީހުންނަށް އެތައް މަންފާއެއް ލިއްބައިދީ ދައުލަތުގެ ނަހަމަ ބޭނުންކޮށްފައި އޮތްތަން ފެނިގެންދާކަމަށެވެ. އަދި އެކަން ހުއްޓުވަން ކުރަންޖެހެނީ ކީއްތޯ ބަލާއިރު ފެހި ގާނޫނުއަސާސީން މިނިވަން މުއައްސަސާތަކެއް ގާއިމުކޮށްފައި އޮތް މަންޒަރު ފެންނަކަމަށާއި މިހާރު އޮތް ހާލަތު މެދުވެރިވީ ބާރުވެރި މަގާމުތަކުގައި ތިބޭއިރު އަދާކުރަންޖެހޭ ޒިންމާތަކެއް އަދާނުކޮށް އޮތުމުގެ ސަބަބުންކަމަށެވެ.
ދައުލަތުގެ މާލިއްޔާތުގެ ނަހަމަ ބޭނުންކުރީ ޕީއެންސީގެ ދައުރެއްގައި ނޫންކަމަށް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން އެނގިގެން ނުވަތަ ނޭނގި، ބައި އަޅައިންނާއި ނާޅާ ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާ މާލީ ނަހަމަ ބޭނުންތަކެއް ކޮށްފައިވާކަން މިނިވަން މުއައްސަސާއަކުން އާންމުކޮށްފައިވާކަމަށާއި އެ ބަޔާން ސިޔާސީގޮތުން ކުލަ ޖެހިފައިވާކަމަށް ބުނެ އެޕާޓީންވެސް ބަޔާނެއް ނެރިފައިވާކަމަށެވެ.
ފެނިގެންދަނީ އަމިއްލަ ވެރިކަމުގައި ހިނގި ކަންތައްތަކެއްގެ ތުހުމަތުތައް ކުރެވެން ފެށުމުން އެ ވާހަކަތަކަށް ރައްދުދީ ދިފާއުވުމަށް މަސައްކަތްކުރާ މަންޒަރުކަމަށްވެސް ފާހަގަކުރެއްވިއެވެ.

