އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގައި އިތުރުވަމުން ދިޔަ ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ބަލާފައި ނުވަނީ އެއީ ވައްކަމުގެ ޕާޓީއަކަށް ވާތީކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މި ގަރާރުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ރަނގަޅު ގޮތުގައި ބަލައި ތަހުގީގު ކުރާނެކަމަށް ރައްޔިތުންނަށް ވައުދުވުމަށް ފަހު ވެރިކަމަށް އައިސް އެމްޑީޕީއަށް އެޅުނު އެއްވެސް ފިޔަވަޅެއް ނެތްކަމަށެވެ. ޝުޖާއު ވިދާޅުވި ގޮތުގައި އެމްޑީޕީ އަވަދިނެތި މަސައްކަތް ކުރަމުން ދިޔައީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވެ އަމިއްލަ މަންފާ ނެގުމަށެވެ. ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އިތުރުވަމުން ދިޔައިރު ފެނަކަ އޮތީ އެހެން ލެވެލްއެއްގައިކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަ ތަކުރާރުކޮށް ދެއްކުމުން ވެސް އެމްޑިޕީ ދިނީ ބީރު ކަންފަތެއް ކަމަށެވެ. މަޖިލީހަށް މި މައްސަލަތައް ހުށަހެޅުމުން އެ މައްސަލަތައް ބޭރުކޮށް ކޮރަޕްޝަން ދިފާއު ކުރަމުން ދިޔަކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކުގައި ވެސް އެއީ ދޮގު ތުހުމަތުތަކެއްކަމަށް އެމްޑީޕީ ބުނަމުން ދިޔަކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައުމުން، ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ކޮމިޝަނުގެ މެމްބަރުން ވަކިކުރީކަމަށް ޝުޖާއު ވިދާޅުވި އެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސަށް ވައުދުވެގެން އައި އައި ސަރުކާރެއްގެ އަމަލުތައް ހުރީ ދެއްކި ވާހަކަތާއި ހިލާފަށްކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައްޔިތުން އެމްޑީޕީގެ ސަރުކާރު ބަދަލު ކުރީ މިފަދަ ސަބަބުތަކާއި ހުރެކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސަރުކާރުގެ އެއްވެސް ތަނެއްގައި ކޮރަޕްޝަނަށް ޖާގަ ދޭނެ ވެރިއެއް ނޫންކަމަށެވެ. އަދި މި ސަރުކާރުގެ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވެރިއެއްކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ފަރާތެއް ނަމަވެސް އެ މީހަކާއި ދެކޮޅަށް ވަގުތު ފިޔަވަޅު އަޅާނެކަމަށް ވިދާޅުވި އެވެ.
އެމްޑީޕީއިން ކޮރަޕްޝަނާ ދެކޮޅަށް ކޮންފަރެންސްއެއް ބޭއްވުމަށް މިހާރު މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ މިއީ ޖޯކެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ އެމްޑީޕީއަކީ ވައްކަމުގެ ނެޓްވޯކެއްކަމާއި އަމިއްލަ މަންފާއަށް އެތައް ފައިސާއަކަށް ހިޔާނާތްވިކަން އެ ޕާޓީގެ އާންމު މެމްބަރުންނަށް ވިސްނެމުންދާކަމަށެވެ. ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން މިހާރު މާޔޫސްވެފައިވާ ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ކެރިގެން ވަކާލާތުކުރާ އެއްވެސް ލީޑަރެއް އެމްޑީޕީގެ ލީޑަޝިޕްގައި ނެތް ކަމަށެވެ.

