އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ މަސައްކަތް ރާއްޖެއަށް ގެނެސްދިން ޕާޓިކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިންކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި މުޒާހަރާއަށް ނުކުމެވަޑައިގެން ތިއްބެވީ ގާނޫނުއަސާސީން ލިބިދީފައިވާ ހިމާޔަތުގެ ދަށުންކަމަށާއި، އެއްވުމަށް ވަޑައިގެންނެވި ބޭފުޅުންވަނީ ބާރުވެރިކަން އޮތީ ރައްޔިތުންގެ ފަރާތުގައިކަން ދައްކާފައިކަމަށް ވިދާޅުވިއެވެ.
”އެމްޑީޕީއަކީ ރާއްޖެއަށް ސުލްހަވެރި ސިޔާސީ މަސައްކަތްތައް ގެނެސްދިން ޕާޓީ. އެ މަސައްކަތްތައް މެދުވެރިކޮށް އިސްލާހީ ބަދަލުތައް ރާއްޖެއަށް ގެނައީވެސް އެމްޑީޕީން،“ ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ހޯދި ހެޔޮތައް އޮޔާލާދާއިރު އެމްޑީޕީއަކީ ބަލައިގެން ތިބޭނެ ޕާޓީއެއް ނޫނެވެ. އަދި އެޕާޓީއަކީ ބުނަންޖެހޭ އެއްޗެއް ބުނެ އަޑުއުފުލަން ކެރޭނެ ޕާޓީއެއްކަމަށާއި އެއީ ވާންޖެހޭ ހުރިހާ ގުރުބާނީއެއް މިހާތަނަށްވެފައިވާ އަދި ވަމުންދާނެ ޕާޓީއެއްކަމަށް ވިދާޅުވިއެވެ.
ޝާހިދު ސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވީ ދައުލަތް ލޫޓުވާލާފައިވާކަމަށް ރައްޔިތުން ބުނާ ކަމަށާއި، އެމްޑީޕީން ނުކުމެފައިވަނީ އެ ލޫޓުވުން ހުއްޓުވުމުގެ ގޮތުންކަމަށެވެ. އަދި ސަރުކާރުންވަނީ ދައުލަތުގެ ކަރާމާތް ނަގާލާފައިކަމަށާއި މެމްބަރުންގެ ދޫތަކުގައި ހިފަހައްޓާ، އަދުލު އިންސާފު ބޭ އިންސާފަށް ބަދަލުކޮށް، މީޑިއާތަކުގެ އަނގަމަތީގައިވެސް މަލަން އަޅާފައިވާކަމަށް ފާހަގަކުރެއްވިއެވެ.

