ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް މިއަދު އޮތް ހިސާބައް ވައްޓާލުމަށް ފަހު، ”ލޫޓުވާލައިފި“ ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ހައްގެއް އެމްޑީޕީއަށް ނޯންނާނެކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ”ލޫޓުވާލައިފި“ އެއްވުން ރޭ ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އާޓިފިޝަލް ބީޗުން ފަށައިގެން، އަމީނީ މަގުން ކުރިޔަށް ގެންދަން ނިންމި އެ އެއްވުމާއި ގުޅޭގޮތުން ފުލުހުންނާއި އެކުވީ އެއްބަސްވުމާއި ހިލާފަށް އެމްޑީޕީ މަސައްކަތް ކުރީ މަޖީދީ މަގުން ކުރިޔަށް ދިއުމަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ޝީލްޑުތަކާއި، ބެރިކޭޑުތައް ބޭނުންކޮށްގެން ކުރިޔަށް ނުދެވޭނެހެން މަގު ބަންދުކޮށްލާފަ އެވެ.
ފުލުހުން ބުނީ ހިނގާލުން އަމީނީ މަގުން ކުރިޔަށް ގެންދިއުމަށް ޖާގަ ދޭނެކަމަށެވެ. މި އެއްވުން ހޫނުވެ، ޕެޕާރ ސްޕްރޭ ވެސް ބޭނުންކޮށްފައި ވެއެވެ.
ރޭ ކުރިޔަށް ގެންދިޔަ އިހުތިޖާއި ގުޅޭގޮތުން ”ސަންގު“ އިން ކުރިޔަށް ގެންދިޔަ ކަވަރޭޖުގައި މަމްދޫހު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މަމްދޫހު ވިދާޅުވީ ދިވެހިރާއްޖެ ބަނގުރޫޓުގެ ހާލަތަށް ވައްޓާލީ އެމްޑީޕީން ކަމަށާއި، މި ގައުމު ލޫޓުވާލިކަމަށް ބުނެ އެޕާޓީއަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ.
މަމްދޫހު ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރަށް ބަޖެޓު ފާސްކުރީ ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނިކޮށެވެ.
އެހެން ނަމަވެސް އޭރު އެމްޑީޕީއަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބިފައި އޮތުމުން 19 ވަނަ މަޖިލީހުން، ރައްޔިތުންނަށް ނަތީޖާ ނެރެދެވޭނެ ގޮތަކަށް ބަޖެޓު ފާސްކޮށްދިނުމަށް ތަކުރާރުކޮށް ސަރުކާރުން އެދުމުން ވެސް، އެކަން އެގޮތަށްކޮށްދީފައި ނުވާކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބަޖެޓު ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހެޅި ކަންކަން ނުކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން މަމްދޫހު ފާހަގަކުރެއްވީ ރަށްރަށުގެ ބަނދަރު ހެދުމަށް ދެލައްކަ ރުފިޔާ ކަނޑައަޅާފައި ހުރުމާއި، ރައީސް މުއިއްޒުގެ ފަރާތުން ހުށަހެޅުއްވި ގޮތަށް ބައެއް ޕްރޮޖެކްޓުތަކަށް ފައިސާ ބަޖެޓު ނުކުރުމެވެ.
އެއަށް ފަހު އޭގެ ޖެހިގެން އައި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބުމާއެކު، 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ ސަރުކާރަށް ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ މަގު ފަހިކޮށްދިން ބަޖެޓެއްކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި މި ބަޖެޓު މިހާރު ތަންފީޒު ކުރެވެމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަމްދޫހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު 2023 ވަނަ އަހަރުގެ ނިޔަލަށް، ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ ހުރި ކަމަށެވެ. އެ ފައިސާތައް މިހާރުގެ ސަރުކާރުން މަޑުމަޑުން ދައްކަމުންދާކަމަށް ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން ދިވެހިރާއްޖެ އޮތް ހާލަތަކީ ބަނގުރޫޓުވާ ހާލަތެއް ކަމަށް، ވެރިކަން ނިމުމާއި އެކު އެމްޑީޕީ ގޮވަން ފެށިކަމަށް މަމްދޫހު ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރުގައި އޮތް އިރު މާލީ ގޮތުން ގައުމަށް ގެއްލުންވާ ނިންމުންތައް ނުނިންމުމަށް ގޮވާލުމުން ދިނީ ބީރު ކަންފަތެއްކަމަށް މަމްދޫހު ވިދާޅުވި އެވެ. މަމްދޫހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތް ހިސާބު އެމްޑީޕިއާއި، ޕާޓީގެ ލީޑާޝިޕްއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ރޭގެ އެއްވުން އެމްޑީޕީ ނިންމާލާފައި ވަނީ 12 ޖެހުމުންނެވެ. އަދި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް ޕާޓީން އިއުލާނު ކުރި އެވެ.

