މުޒާހަރާގައި އިދިކޮޅު އެމްޑީޕީން ޤައުމުގެ ޞުލްޙަމަސްލަޙަތު ނަގާލުމަށް ހިންގި ޙަރަކާތްތަކާ ގުޅިގެން، ދިވެހި ފުލުހުން ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތަޢުރީފުކުރައްވައިފިއެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި އެއްވުން މަޖީދީމަގާ ހަމައަށް ގެންގޮސް، ހަމަނުޖެހުންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެއެވެ. މި ގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ފުޅިފަދަ ތަކެތި އުކައި، ފުލުހުންގެ ބެރިކޭޑްތައް ނަގައި އަދި ފުލުހެއްގެ ޝީލްޑްވެސް އަތުލާފައެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ ސޯޝަލް މީޑިއާގައި ފުލުހުން ޓެގްކުރައްވައި، ”ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަސް“ ދަންނަވާފައެވެ.
ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ރަނގަޅަށް ކޮންޓްރޯލްކޮށް، އެއްވެސް ވަރަކަށް ހަމަޖެހުން ނަގާލުމުގެ ފުރުސަތު ނުދީ ހިފަހައްޓާފައެވެ.

