ޔުނިފޯމުއަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު އޮތް ”މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ”އެމްޕަވަރޑް ވިމެން: ސޭފަރ ކޮމިއުނިޓީސް“ މިޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ ސަލާމަތީ ދާއިރާތަކުގައި އަންހެނުންގެ ކުރިއެރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތުކަން ފާހަގަކުރައްވައި، އަންހެނުންނަކީ ޤާނޫނު ނެގެހެއްޓުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސާޖިދާ ވިދާޅުވިއެވެ.
މީގެއިތުރުން، ސައިބަރ ކްރައިމްއާއި، އިންސާނީ ވަގުފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިޘާތަކާއި، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތައް ފަދަ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން ސާޖިދާ ފާހަގަކުރެއްވިއެވެ. މި ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތާއި ހިމާޔަތްދިނުމުގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން، މަސައްކަތްކުރުމަކީ، އެކަނބަލުންގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފުރުޞަތުތަކެއްގެ ގޮތުގައި ދެކިވަޑައިގަތުމަށް ސާޖިދާ ވަނީ އެދިވަޑައިގެންފައެވެ.
ޤާނޫނު ތަންފީޛުކުރުމުގައި އަޅާލުމާއި އޯގާތެރިކަމާއި، ވާހަކަ ދެއްކުމާއި، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށާއި، ކުށުގެވެށިން އަނިޔާލިބެމުންދާ މީހުން، އަދި ވަކިން ޚާއްޞަކޮށް އެފަދަ އަންހެނުންނާއި ކުޑަކުދިންނަށް، އިތުބާރުކުރެވޭ މަންދޫބަކު ފެނުމުން، މުޢާމަލާތްކުމުގެ ފުރުޞަތު އިތުރުވެގެންދާކަން ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ހަމަހަމަކަމާއެކު އަންހެނުން ބަލައިގަންނަ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތްކުރެއްވުމަށް އެކަމަނާ ވަނީ، ސަމިޓުގެ ބައިވެރިންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި އަންހެނަކު، އޭނާގެ މުޖުތަމަޢު ދިފާޢު ކުރުމަށް ފިޔަވަޅު އަޅާއިރު، އިންސާފުގެ އަސްލަކީ އެ އަންހެން މީހާކަންވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި ސާޖިދާ ވަނީ ”މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖް“ ގެ ރަމްޒީ ”ފައިސާ“ ފޮއްޗެއް ތަޢާރަފްކޮށްދެއްވާފައެވެ.

