ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއިން ރޭ ކުރިއަށް ގެންދިޔަ ޙަރަކާތް ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށާއި އަދި އެއީ ސުލްޙަވެރި އިޙްތިޖާޖެއްގެ ނަމުގައި ޤައުމުގެ ސުލްޙަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް ހިންގި ހަރަކާތެއް ކަމަށެވެ. އެ ޙަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ޙަރާކާތެއްގެ ގޮތުގައި ނައިބުރައީސް ވަނީ ސިފަ ކުރައްވާފައެވެ.
ނައިބުރައީސް ވިދާޅުވީ އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ޙަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށެވެ.
ފުލުހުންގެ އެމްގުމާއި ހިލާފުވެ ކަންކަން ކުރުމަކީ މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ނައިބުރާއި ވަނީ ވިދާޅުވެފައެވެ. މީގެއިތުރަށް މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.
ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ އެއްވުން އެންމެބޮޑަށް ހޫނުވެގެން ދިޔައީ އެ ޕާޓީގެ މެމްބަރުން ކުރި މަޝްވަރާކުރެވިފައިވާ ރޫޓު ނޫން އެހެން ރޫޓަކުން ދިޔުމަށް ނިންމުމާއިއެކުއެވެ. މުޒާހަރާ ހޫނުވެ، ފުލުހުންގެ ގަޔަށް ފެންފުޅި އާއި ގަލާއި އުކިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ބެރިކެޑް ތަކާއި ޝީލްޑްތައް ނަގައިގެން މުޒާހަރާގެ ބައިވެރިން ވަނީ އުޅެފައެވެ.

