ޕެޕާ ސްޕްރޭއަކީ އޭގެ ޒާތުގައި ހާޓްއެޓޭކް ޖެހެން މެދުވެރިވާނެ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެ ވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ.
ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. ހޮސްޕިޓަކުން ބުނީ ރޭ މުޒާހަރާގެ ތެރެއިން ހާޓްއެޓޭކެއް ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެހެންވެ މިހާރު ފަރުވާ ދެމުން އަންނަނީ ސީސީޔޫގައި ބާއްވައިގެން ކަމަށެވެ.

