ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމާއި ބެހޭ ބައްދަލުވުމެއްގައި އެކި މުއައްސަސާތަކުން ބައިވެރިވެއްޖެއެވެ.
ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް އެމްއޭސީއެލްއިން ބުނެފައިވާގޮތުން އެ ކުންފުނިން ވަނީ އެކަމަށްޓަކައި ވަމުންދާ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާއި ހިއްސާކޮށްފައެވެ. މިކަމަށްޓަކައި އެޗްއައިއެޗްގައި ބޭއްވި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓުގެ ބޭފުޅުންނާއި އިމިގްރޭޝަން ކޮންޓްރޯލަރު, ސީޕީ ރިޓަޔާޑް އަހުމަދު ފަސީހު އާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ, ޕޮލިސް, އެމްއެންޑީއެފް, މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް) އަދި އެމްއޭސީއެލްގެ ވެރިންނާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ އޮފިޝަލުންވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްއޭސީއެލް އިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެމްއޭސީއެލްގެ ކޮންމެ ކަމެއްގައިވެސް ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި އެ ސްޓޭކްހޯލްޑަރުންނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.

