ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 62 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި އެވެ.
މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ އެޕާޓްމަންޓުތަކެވެ.
އެފްޑީސީން މަސައްކަތް ކުރަމުން ދަނީ 2026 ފެށުމުގެ ކުރިޔަށް ހުރިހާ ފްލެޓެއްގެ ވެސް ތަޅުދަނޑި ހަވާލުކޮށް ނިންމާލުމަށެވެ.
ފްލެޓު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާއިރު، މިހާތަނަށް އެއްބަސްވުމުގައި ސޮއި ކުރި މީހުންގެ އަދަދު 3000 އިން މައްޗަށް އަރައެވެ. ފްލެޓު ތަޅުދަނޑި ހަވާލު ކުރަމުން ދަނީ، އެއްބަސްވުމުގައި ސޮއިކޮށް ޑިޕޮސިޓް ދައްކަމުންދާ މީހުންނަށެވެ. އެގޮތުން މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓް ދައްކާފަ އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ތަޅުދަނޑި ހަވާލުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ސަބަބުން ހިދުމަތް ލިބިގަތުމުގެ މަރުހަލާތައް އިތުރަށް ހަރުދަނާވެ، ވަގުތާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެކަމަށް ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ މިއީ ހަމައެކަނި ގެދޮރު ޢިމާރާތްކުރުމުގެ މަޝްރޫއެއް ނޫންކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އުފާވެރި އަދި ރައްކާތެރި މާހައުލެއް ގައިމްކުރުމުގެ މަޝްރޫއެއް ކަމަށެވެ.
ތަޅުދަނޑި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށް ގެންދާއިރު، އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދުއެވެ.
އެފްޑީސީއިން ވަނީ އެޕާޓްމަންޓަށް ބޭނުންވާ، ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައެވެ. އަދި ހޯމަ ދުވަހުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިންގ ހެދުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ވަނީ ބުނެފަ އެވެ. އެފްޑީސީ ބުނީ އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ޖާގަ ބުކް ކުރުމަށްފަހު، އެ ސަރަޙައްދުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެފްޑީސީ ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ، މީހުން ބަދަލުވުމުގެ މަރުހަލާ ރޭވުންތެރިކަމާއި އެކު ފަސޭހަކޮށް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. މިގޮތުން، އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ގޮތެއްގައި މި މަރުޙަލާ ފުރިހަމަކުރުމަށް މަސައްކަތް ކުރެވޭނެކަމަށް ބުންޏެވެ.

