ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލެއްގެ ކްލާސް ރޫމެއްގައި އޭސީ ހަރުކުރުމުގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދާއިރު މި މަސައްކަތް 2025 ގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ ދަށުން ސަރުކާރު ހުރިހާ ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި، ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނަށެވެ.
ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމްތައް ފިނިކުރުމަށް ހިންގާ ”ކޫލް ސްކޫލް“ މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން 3704 ކްލާސްރޫމް އޭސީކުރުމަށް ނިންމާފައިވާއިރު މި އަހަރުގެ މޭ މަހުގެ ނިޔަލަށް 401 ކުލާސްރޫމްގައި 802 އޭސީ ހަރުކުރެވިފައިވެއެވެ،.
ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަ ދައްކަވާފައި ވަނީ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އދ. އަތޮޅުގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދަނގެތިއަށް ވަޑައިގެން ރައީސް ވިދާޅުވީ ރަށުގައި މިއަދު ފެށިގެން ދިޔަ މަޝްރޫއުތާއި ސޮއި ކުރި ޕްރޮޖެކްޓުތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެކަމަށެވެ.
މި ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލެއްގެ ކްލާސް ރޫމެއްގައި އޭސީ ހަރުކުރުމުގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދާއިރު މި މަސައްކަތް 2025 ގެ ނިޔަލަށް ނިންމާލެވޭނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ހޯލްތައް އޭސީ ކުރުމުގެ ދެވަނަ ފިޔަވަހި ވެސް ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
މީގެއިތުރުން އދ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އެއް ރަށްކަން ފާހަގަކުރައްވައި ރައީސް ވަނީ ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތަކީ އެފަދަ ސަރަހައްދުގައި ޑޮލަރު އޭޓީއެމް ގާއިމު ކުރުންކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ ކުރިން އެ އަމާޒުގެ ދަށުން ޑޮލަރުގެ އޭޓީއެމް ގާއިމު ކުރާ ހުރިހާ ރަށެއްގައި ވެސް ޕްރޮޖެކްޓު ތަންފީޒު ކުރުން ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މި ތާރީހުގެ ކުރިޔަށް ރަށުގައި ޑޮލަރު އޭޓީއެމް ގާއިމު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

