ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ، ރައްޔިތުންނާ ވީހާވެސް ގާތުން ގުޅުން ބަދަހިކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދަތިތައް ސީދާ އަޑުއެއްސެވުމަށްޓަކައި ކުރައްވާ ދަތުރުފުޅުތަކެކެވެ. ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި، މި ދަތުރުފުޅުތަކުގެ މަގްސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމެވެ.
މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްގީއަށް ހުރި ހުރަސްތަކާއި، ޕްރޮޖެކްޓުތައް ލަސްވާ ސަބަބުތަކާއި، އަދި ރަށުގެ ޒަމާންވީ އެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވެފައިވާ ކަންކަން ރައްޔިތުން ފާހަގަކުރެއެވެ.
އެގޮތުން، އދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރައްޔިތުންނަށް ވައުދުވީ ވީހާވެސް ހަމަހަމަކަމާއިއެކު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ބައްދަލުވުމުގައި، އާންމުންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ހުޅުވާލުމުން ދިއްދޫ ކައުންސިލްގެ ރައީސް އަހުމަދު މުހައްމަދު ވަނީ ރަށަށް ދިމާވެފައިވާ ބަނދަރުގެ މައްސަލައިގައި، ނެރު ފައިކަށި ބަދަލު ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންގެ އެކިއެކި ކަންބޮޑުވުންތައް ހުރިއިރު އެކަންކަން ގާތުން ބައްލަވައި ސަރުކާރުން ހައްލުކޮށްދެއްވާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސްގެ ކަންބޮޑުވުންތަކަށް، ޖަވާބެއް ދެއްވުމަށް ޕްލޭނިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބަށް ރައީސް ފުރުސަތު ދެއްވި އެވެ. ޖަވާބުގައި ބަނދަރުގެ ފައިކަށި ބަދަލު ނުކުރެވުނު ސަބަބެއްކަމަށް، ޕްލޭނިން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ފުރިހަމަ ކުރަން ޖެހޭ ބައެއް މަރުހަލާތައް ފުރިހަމަ ނުވެއޮތުމެވެ. އަދި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެކި ފަހަރުމަތީން މަސައްކަތް ކުރިނަމަވެސް، އެ ޕްރޮޖެކްޓު ހަވާލުކުރެވިފައިވާ ކުންފުންޏާ އެކު ކުރިޔަށް ދެވޭ ގޮތެއް ނުވިކަމަށް ވެސް މުއްތަލިބު ފާހަގަކުރެއްވިއެވެ.
މިފަދަ ދަތިތައް ބައެއް ރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ދިމާވެފައިވާކަން ފާހަގަކުރައްވައި، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެފަދަ ކުންފުންނިތަކާ މަޝްވަރާކޮށްގެން އަލިމަގެއް ނުފެންނަ ހާލަތެއްގައި އެއްބަސްވުން ބާތިލު ކުރުމަށްކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުން ވެސް ހުށަހެޅި ކަންބޮޑުވުމަކީ، ފެނާއި ނަރުދަމާގެ މައްސަލަ ކޮޅެއްގައި ނުޖެހި އޮތުމެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް ރަށުގެ ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތްކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކުންފުނީގެ ދެތިން މުވައްޒަފުން ރަށުގައި ތިބި އިރު އެ މީހުންގެ ކެއުމާއި ހުރުމުގެ އެއްވެސް ކަމަކަށް އަޅާނުލާކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންވެ، ރަށުގެ ރައްޔިތުން އެދުނީ މި މަސައްކަތް، އަމަލީ ގޮތުން ފެށޭނެ ތާރީހެއް ދިނުމަށެވެ.
މި ކަންބޮޑުވުމަށް މުއްތަލިބު ވިދާޅުވީ، ކުންފުންޏަށް ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ހުރިހާ ފައިސާއެއް ހުރީ ދީފައި ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ ފައިސާއެއްގެ މައްސަލައިގައި ކަމަށް ބުނެ، މަޝްރޫއު ކުރިޔަށް ނުގެންދެވެންވީ ސަބަބެއް ނެތްކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ އެހެން ރައްޔިތަކު ދެއްކި ވާހަކައިގައި ބުނީ، ބަނދަރުގެ މައްސަލައިގައި ކޮންމެ ސަރުކާރަކުން ވެސް ވާހަކަ ދައްކާކަމަށެވެ. އެއަށް ފަހު ރަށަށް ލިބުނު ބަނދަރު ވެގެން ދިޔައީ ރައްޔިތުންނަށް ކުރިން ލިބެމުން ދިޔަ ވޭނަށް ވުރެ މާބޮޑު ތަކުލީފަކަށް ކަމަށް އޭނާ ބުންޏެވެ.
އޭނާ ސުވާލު އުފެއްދީ ކޮންމެ ރަށެއްގައި ވެސް އެކި މަޝްރޫއުތައް އިއުލާނު ކުރަމުން ގެންދާއިރު، އެ ޕްރޮޖެކްޓެއް ނިމޭނެކަމާ މެދުގައެވެ.
އެހެން ރައްޔިތަކު ވެސް ތަކުރާރުކޮށް ބުނީ، 1983 ވަނަ އަހަރުން ފެށިގެން ރަށުގެ ރައްޔިތުން ތިބީ ބަނދަރަކަށް އެދިއެދި ކަމަށެވެ. އެހެންކަމުން ބަނދަރެއް އަޅާނެކަމަށް، ނުވަތަ ބަނދަރުގެ މައްސަލަ ހައްލު ކުރާނެކަމަށް ބުނުމުގެ ބަދަލުގައި ސަރުކާރުން ތާރީހެއް ދެއްވައިފި ނަމަ ރައްޔިތުންނަށް އޭގެ ސަބަބުން ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
”ފެށޭނެއޭ ބުނުމަކުން، އެއީ އަދި ނިމޭނެކަމެއް ނޫން.. ތާރީހެއް ދެއްވާ. ތާރީހެއް ބޭނުންވަނީ.. ތާރީހެއް ދެއްވާ..“
މި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ، ދިއްދޫގެ ބަނދަރަށް ހައްލެއް ގެނެސް ނުދީ އެހެން ސަރުކާރުތަކުން އޮތުމުގެ ސަބަބުން އެކަމާ ކަންބޮޑުވާކަމަށެވެ. މި މަސައްކަތް މިހާރު ކޮންޓްރެކްޓު ކުރެވިފައިވާ ކަމަށާއި، އޮކްޓޯބަރު މަސް ނިމި ނޮވެމްބަރު މަހުގެ ތެރޭގައި ބަނދަރުގެ ނެރުފައިކަށީގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމާލުންކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަހަރެއްގެ ތެރޭގައި ޕްރޮޖެކްޓު ނިންމަވާނެ ކަމަށެވެ.
ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ބަނދަރާއި، ފެނާއި ނަރުދަމާގެ މައްސަލައިގައި ހިމެނެނީ ތަފާތު ދެ ހާލަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި ޕްރައިވެޓް ބައެއް ކުންފުނިތަކަށް އެ ޕްރޮޖެކްޓު ހަވާލުކޮށްފައި އޮތް އިރު އެ ކުންފުނިތަކުން އެއްވެސް ގޮތަކަށް މަސައްކަތް ކުރިޔަށް ނުގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
”މިއީ މި ސަރުކާރުން، ނުވަތަ އެއްވެސް ގޮތަކަށް ޕްރޮޖެކްޓު ލަސްކުރުމަށް ކުރާކަމެއް ނޫން،“
ރައީސް ވިދާޅުވީ ކުންފުނިތަކުގެ އެއްބަސްވުން މާލިއްޔަތު ގަވައިދުގެ ތެރެއިން ބާތިލުކޮށް ވިޔަސް ކުރިޔަށް ގެންދާނެކަމަށެވެ. އެހެން ނަމަވެސް މިއީ އުނދަގޫ މަރުހަލާއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ތަރައްގީގެ ގޮތުން ހުރިހާ ރަށެއްގައި ވެސް ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި ރަށެއްގެ އާބާދީ ކުޑަވުމަކީ، އެ މައްސަލައެއް ހައްލު ނުކޮށް ދޫކޮށްލާނެކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.

