ސަރުކާރާއި ދެކޮޅަށް ހަޑިހުތުރު ބަސްތައް ބޭނުންކޮށް، އަބުރު ނަގާލުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނޯންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި ދެކޮޅަށް އެމްޑީޕީ ވާހަކަ ދައްކަމުން ގެންދާތީ، މިދިޔަ ފަސް އަހަރުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުން ދިޔަ ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ސަރުކާރުން ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަމުގެ ވާހަކަ ދައްކާއިރު، ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރީ ވެސް އެމްޑީޕީކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި ހައްގަށް ވާހަކަ ދައްކަން ޖެހޭކަމަށާއި، ދިވެހިރާއްޖޭގެ ތާރީހުގައި ފަނޑިޔާރެއް ވަގަށް ނެގީ ކޮން ސަރުކާރެއްގައިކަން ވެސް ސާފުވާކަމަށް ގާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ ކަންކަމާއި ބެހޭ ގޮތުން އޭނާ ވާހަކަ ދައްކާތީ ވެސް އަދި ނުދައްކާ ނަމަ ވެސް އެކަމާ ބަޔަކަށް އުނދަގޫވާކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން، އެންމެ ފަހުން ޑޮލަރު މާރުކުރުން މަޖުބޫރުކޮށް ގާނޫނެއް ގެނައުމުން އެއަށް ބަހެއް ނުބުނީ ކީއްވެތޯ ބަޔަކު ސުވާލު އުފައްދާކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށާއި، މިއީ ކޮންމެހެން ވެސް ސަރުކާރަކުން ކުރަންޖެހޭ މަސައްކަތެއްކަން އޭނާ ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދަރަނީގެ ހާލަތު އޮތީ 120 ބިލިއަން ރުފިޔާގައިކަމަށް ގާސިމް ވިދާޅުވިއެވެ. މި ހާލަތަށް ދިޔައީ ކޮން ސަބަބަކާ ހުރެތޯ ވިސްނާއިރު، އެއީ އެއްވެސް ހަރުދަނާކަމެއް ނެތް ސިޔާސަތުތަކެއްގެ ސަބަބުން ވެއްޓިގެން ދިޔަ ހާލަތެއްކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން މި ސަރުކާރާއި ރައީސް މުއިއްޒާއި ގުޅުވައި ދައްކާ ވާހަކައިގައި ތަފާތު އެކި ނަންނަން ބޭނުންކުރާތީ އެކަމަށް ވެސް ގާސިމް ފާޑުވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެއްވެސް މީހަކަށް އަމާޒުކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އަނެކާގެ އަބުރު ނަގާލުމުގެ ހައްގެއް ނޯންނާނެކަމަށެވެ.
މި ސަރުކާރު އުފެދިގެން އައީ ވަކި މީހެއް، ނުވަތަ ވަކި ބައެއްގެ ސަބަބުންކަމަށް ބުނާއިރު، ވެރިކަމަކީ މީހަކުދޭ އެއްޗެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
އެމްޑީޕީ އެންމެ ފަހުން ބޭއްވި ”ލޫޓުވާލައިފި“ މުޒާހަރާއަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ އެންމެ ފުރަތަމަ ވެސް ފެނުނީ ގާނޫނުއަސާސީއާއި ހިލާފުވި މަންޒަރުކަމަށެވެ. އެރޭ ފުލުހުން ބާރުގެ ބޭނުންކުރީ ހާލަތާ ބައްދަލު ގޮތަކަށްކަމަށާއި، ގާނޫނާއި ހިލާފުވުމުން އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
ބާރުގެ ބޭނުންކުރުމުގެ ކުރިޔަށް ފުލުހުން އެ އިންޒާރު ދިން މަންޒަރާއި އަޑު ޓީވީތަކުން ވެސް ފެންނާނެކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް، މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި ބަޔަކު ނިކުތުމުން މަގުތަކަށް ނިކުންނަން ޖެހޭ ސަބަބެއް ނުތަ ފިތުނަ އުފައްދަންޖެހޭކަމެއް ނެތްކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް މުއިއްޒުގެ އިހުލާސްތެރިކަން ދިވެހި ރައްޔިތުންނަށް މިއަދު ފެނިގެންދާކަމަށެވެ. މީގެ ކުރިން ބޮޑެތި ވަފުދުތަކާއި އެކު ދަތުރުތައް ކުރައްވަނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު އުފެދުނު ނަމަވެސް، މިއަދު ފެންފުށިއާއި މާމިގިލީގައި ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކާއި ރައްޔިތުންނާއި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ރައީސް ޖަވާބުދެއްވި ގޮތާއި އެ ކަންބޮޑުވުންތައް އަޑުއެއްސެވި ގޮތަށް ބަލައި އޭގެ ބޭނުމާއި މުހިންމުކަން ގަބޫލުކުރެވުނުކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެކުރީގައި ސަރުކާރުތަކުގެ ތެރޭގައި ފެނިގެން ދިޔައީ އިންތިހާއަށް ކޮރަޕްޝަންކަމަށާއި، ސަރުކާރުތަކުން އަމިއްލަ އެދުމަށް ފައިސާ ނަގަމުން ދިޔައިރު ވެސް އެ މައްސަލަ ބަލާނެ އިދާރާއެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިއަދު މި ސަރުކާރު އެހެން ފުރުސަތު ދޭތަން ނުފެންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރަށް ވާރުތަވެގެން އައި ދަރަންޏަކީ، އެއްވެސް ހާލަތެއްގައި ރައީސް މުއިއްޒުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން، ގާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާޑެއްދޫ އެއާޕޯޓާއި ގުޅޭގޮތުން ދައްކަވާ ވާހަކަތަކަށް ވެސް ރައްދުދެއްވާފައެވެ. ސިޔާސީ ނިޔަތެއްގައި، އެއާޕޯޓު އަތުލީކަން ރައީސް ޔާމީން އިއުތިރާފުވެވަޑައިގެންފައިވާކަމަށާއި، އެއީ އަނިޔާވެރި ވެރިންގެ ސިފަތައްކަމަށް ގާސިމް ވިދާޅުވިއެވެ. އެހެން ކަންކަން ކުރެއްވުމަށްފަހު ރައީސް ޔާމީނަށް ބޮޑާކަމާއި ކިބުރުވެރިކަމެއްގެ ތެރެއިން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ނޯންނާނެކަމަށް ގާސިމް ހާމަކުރެއްވިއެވެ.

