އޮޑިޓުތަކުގެ މައްޗަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ހިނދު، އެދެވޭ ނަތީޖާއެއް ނުނެރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، އޮޑިޓު އޮފީހުގެ މަސައްކަތްތަކުގެ ދުވެލީގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކޮންމެ ދައުރެއް ނިމުމުން ކުރީ ސަރުކާރުގެ ކަންކަން ބެލުމަށް އޮޑިޓަރ ޖެނެރަލްއެއް ކަނޑައަޅަން ޖެހޭ ހާލަތަށް ގޮސްފައިވާތީ، ދައުލަތަށް ދެ އޮޑިޓަރ ޖެނެރަލުން ބޭނުންވާކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުއްލި ރިޕޯޓެއް ނެރުމުން ދާނެ ހިސާބު އެނގިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވި ޒިޔާދު ވިދާޅުވީ، ”ހިނގަމުންދާ ސަރުކާރެއްގައި ވަގުތުން ވަގުތަށް އޮޑިޓުކުރެވޭނަމަ ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އިތުރު ހިތްވަރެއް ލިބިގެންދާނެ“ ކަމަށެވެ.
މޯލްޑިވްސް ގޭސްގެ މައްސަލައަށް އިޝާރާތްކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ، އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާ ކަމަށާއި، ޗެކު ފޮތް އަތުލި ނަމަވެސް، ކަމާގުޅޭ މީހާ އެ މަގާމުގައި ދެމިހުރިކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެޗްޑީސީގެ ތެރޭގައިވެސް ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެންދިޔައިރު، އޮޑިޓު ރިޕޯޓެއް ނެރި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ފާހަގަކުރެއްވިއެވެ.
މެންބަރު ޒިޔާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޮޑިޓުތައް ކުރިއަށްދާ ސްޕީޑާ އަޅާބަލާއިރު ކޯޓުތަކުގެ ދުވެލި ވަރަށް ބާރުކަމަށާއި، މީގެ އަހަރުތަކެއް ކުރިން ފެނަކައިގެ އިސްވެރިޔަކާ ގުޅޭ މައްސަލައެއް އަދިވެސް ނުނިމި އޮތްއިރު، އަލަށް ފެންމަތިވި މައްސަލައެއްގައި ހުކުމެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ.

