ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި އޮކްޓޯބަރ 6 ގައި މާލެއިން 4 މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސަޢީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރި އަދި ނާފިއު ރަޝީދު، ވ. ރަކީދޫ، ސިލްވަރސްޓަރއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އެޕާޓްމެންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުންވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާ ތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
މީގެއިތުރުން މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 2 އަންހެންކުދިންނާއި 16 އަހަރާއި 17 އަހަރުގެ 2 ފިރިހެން ކުދިންކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމާއި ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

