ރާއްޖޭގެ އިގްތިސާދު ފުން އަނދަވަޅަކަށް ވައްޓާލައި އެކި ނަންނަމުގައި އެމްޑީޕީގެ ސަރުކާރުން ލޯނުތައް ނަގައި އެސެޓުތައް ރަހުނު ކުރަމުން ދިޔައީ އެކަމުގެ ހިތި ނަތީޖާއާއި ދިވެހި ރައްޔިތުން ކުރިމަތިލާން ޖެހޭނެކަމަށް ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށްކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އދ. ގެ އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭގެ ޖަލްސާ ކުރިޔަށް ގެންދިޔައީ މަހިބަދޫގަ އެވެ. މިރޭގެ ޖަލްސާގައި ދެެއްކެވި ވާހަކައިގައި ތޯރިގު ތަފްސީލު ދެއްވީ އެމްޑީޕީގެ ފަސް އަހަރުގައި ނަގާފައިވާ ދަރަންޏާއި، އޭގެ ސަބަބުން ރާއްޖެ މިހާރު ކުރިމަތިލާން ޖެހިފައިވާ ހާލަތެވެ.
ތޯރިގު ދެއްކެވި ވާހަކައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީއަށް ރައްދު ދެއްވި އެވެ.
ތޯރިގު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅޭގޮތުން ކުރީގެ ރައީސުން ސުވާލު އުފައްދަމުން ގެންދާއިރު އެބޭފުޅުންގެ ވެރިކަމުގައި ނަގާފައި ހުރި އެތައް ލޯނެއް ކުރިޔަށް އޮތް އަހަރުގައި މި ސަރުކާރުން އަދާކުރަން ޖެހޭކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ޒަމާނުއްސުރެ ފެށިގެން، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ މިފަދަ ދަރަނިތައް އަދާކުރުމަށްކަން ތޯރިގު ފާހަގަކުރެއްވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތް އިރު ތަކުރާރުކޮށް އެމްޑީޕީގެ ސަރުކާރަށް ގޮވާލަމުން ދިޔައީ ރާއްޖޭގެ އިގްތިސާދަށް ސަމާލުވުމަށެވެ. އެމްޑީޕީން ދެވަނަ ވިސްނުމަކާއި ވެސް ނުލައި ސްކޫލުތައް ރަހުނުކޮށް، ދައުލަތުގެ ބޮޑެތި އެސެޓުތަކަށް އަސަރު ކުރާނެ ގޮތަށް ނިންމުންތައް ނިންމަމުން ދިއުމުގެ ސަބަބުން އެއާއި ދެކޮޅަށް އަޑުއުފުލާފައިވާނެކަމަށް ތޯރިގު ވިދާޅުވި އެވެ.
އޭރުގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލާއި، އަމީނިއްޔާ ސްކޫލު ރަހުނުކޮށް، ތިގޮތަށް ތިކަން ކުރަން ހެޔޮ ނުވާނެކަމަށް އަޅުގަނޑުމެން ބުނިން.. ތިބޭފުޅުން ހަނދުމަ ހުންނަނެ.. މިއަދު އެ ދައްކަން ޖެހި
ތޯރިގު ވިދާޅުވީ އެމްޑީޕީން ލޯނު ދެއްކުމުގެ ނަމުގައި އިތުރު ލޯނުތައް ނަގައި، ސުކޫކު އިތުރު ކުރަމުން ގެންދިޔަ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑު ބޮންޑު ދެއްކުމަށާއި އިތުރު ފައިސާ ނެގުމުގެ ގޮތުން އެމްޑީޕީން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ރަހުނު ކުރިކަން ތޯރިގު ފާހަގަކުރެއްވި އެވެ. އޭރު އެމްޑީޕީ ރަހުނު ކުރީ އަމީނިއްޔާ ސްކޫލާއި، ދަރުމަވަންތަ ހޮސްޕިޓަލްކަމަށްވާއިރު މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އެމްޑީޕީއަށް ނަސޭހަތްތެރިވިކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދަޅުވީ ސްކޫލުތަކާއި ހޮސްޕިޓަލް ރަހުނު ކުރި ބޮންޑު އަންނަ އަހަރު ދިވެހި ސަރުކާރުން ދައްކަން ޖެހޭކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ވެސް އަދާކުރީ ހަމަ މި ސަރުކާރުންކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އެމްޑީޕީގެ ސަރުކާރުން މީގެ ތިން އަހަރު ކުރިން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު އަންނަ އަހަރުގެ އޭޕްރިލް މަހު ދައްކަން ޖެހޭކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އިގްތިސާދަށް ވަންނަ އެއް ބިލިއަން ޑޮލަރުން 700 މިލިއަން ޑޮލަރު ހޭދަކުރަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ބޭނުންވާ ތެލަށް ކަމަށެވެ. އެއަށް ފަހު ބާކީވާ އަދަދު ބޭނުން ކުރަނީ ލޯނުތައް އަނބުރާ ދެއްކުމަށްކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އެތައް މައްސަލައެއް ހައްލު ކުރަމުން ގެންދާއިރު، ތޯރިގު ވިދާޅުވި ގޮތުގައި ޑޮލަރު މާރު ކުރުން މަޖުބޫރުކޮށް ގެނައި ގާނޫނަކީ ފަސޭހަ މަސައްކަތެއް ނޫންކަމަށެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް މި ސަރުކާރުން އަޅާނެކަމަށް ތޯރިގު ވިދާޅުވި އެވެ،
ތޯރިގު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ދަރަނި އަދާކުރުމަށްޓަކައި އެތައް ދަތިތަކެއް ދިމާވިކަމަށެވެ. އަދި ތެލަށް ދައްކަން ޖެހޭ ފައިސާއަށް އައި ދަތިކަމުގައިި އެ ހާލަތާއި ކުރިމަތިނުލެވުނު ނަމަ ރާއްޖެ ޑިފޯލްޓަކަށް ދިޔައީސްކަމަށް ތޯރިގު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ނާރަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށްވާއިރު، ތޯރިގު ވިދާޅުވީ އިގްތިސާދަށް ވަންނަ 5 ބިލިއަން ޑޮލަރުގެ ތެރެއިން ބޮޑު ބައި ވަންނަނީ 15 ވަރަކަށް ވިޔަފާރިވެރިނގެ ތެރެއިންކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް ވިޔަފާރީގެ މަސައްކަތާއި އެކު ޑޮލަރުގެ މުޅި ކޮންޓްރޯލް އެއްކޮށް ނަގާފައިވާ ފަރާތްތަކަކީ އެއީކަމަށް ތޯރިގު ވިދާޅުވި އެވެ.
އެހެންކަމުން އެ ފަރާތްތަކުން ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު މާރު ނުކުރާހާ ހިނދެއްގައި، ސަރުކާރަށް ޑޮލަރުގެ މައްސަލައިގައި ކުރެވޭނެ މާބޮޑުކަމެއް ނޯންނަކަމަށް ތޯރިގު ވިދާޅުވި އެވެ.
އެ ސަބަބާއި ހުރެ އެ އާމްދަނީގެ 20 އިންސައްތަ ދައުލަތަށް ބޭނުންވާ ކަންކަމުގައި ތެޔޮ ގަތުން ހިމެނޭ ގޮތަށް ގާނޫނަކުން ގެނެވުނުކަމަށް ތޯރިގު ވިދާޅުވި އެވެ.
ޑޮލަރުގެ އެކްސްޗޭންޖާއި ކުޅެން ނުކުރެނީ، ދާއިރާގައި ތިއްބެވި ބައެއް ނުފޫޒު ގަދަ ބޭފުޅުންނާއި ހުރެ.. ސިޔާސީ ގޮތުން ވެސް އެއްބާރުލުން ނުލިބިދާނެތީ އެ ބިރުވެރިކަމާއި ހުރެ..
ތޯރިގު ވިދާޅުވީ ޑޮލަރު ކިރިޔާ ވެސް ސާކިއުލޭޓުވެ، ދަރަނި އަދާކުރެވެން ފެށީ މި ގާނޫނުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މީހެއްގެ ސުވާލަކީ، ދިވެހި ރައްޔިތުންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭތީކަން ތޯރިގު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މި މައްސަލަ ހައްލުވާނީ ވިޔަފާރިވެރިން ވެސް ރާއްޖޭގެ މާކެޓުގެ ތެރެއަށް ޑޮލަރު މާރު ކުރުމުން ކަމަށެވެ.
ތޯރިގު ވިދާޅުވީ 2026 ވަނަ އަހަރުގެ ދަރަނިތައް އަދާނުކުރެވިދާނެތީ އެކަމާއި މެދު ބަޔަކު ސުވާލު އުފެއްދި ނަމަވެސް ޝައްކުތައް ފިލައިގޮސްފައިވާކަމަށެވެ. އެގޮތުން ލޯނު އަނބުރާ ދެއްކުމުގައި ވެސް ލުއިފަސޭހަ ގޮތްތަކެއް އިންޑިއާ އަދި ޗައިނާ މެދުވެރިކޮށް ވެސް ހަމަޖެހިގެންދާނެކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ރައީސް ޔާމީނާއި، ރައީސް ނަޝީދު ދައްކަވާ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ. އަދި އަންނަ އަހަރު ރާއްޖެއިން އަދާކުރަން ޖެހޭ 800 މިލިއަން ޑޮލަރު އެއްވެސް ދަތިިކަމެއް ނެތި އަދާކުރެވޭނެކަމަށް ތޯރިގު ވިދާޅުވި އެވެ.

