ކޮރަޕްޝަން އާންމުވީ އެމްޑީޕީއިން ތައާރަފުކުރި ސިޔާސަތުތަކުގެ ސަބަބުންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މާޅީ ބަޔާން ހުށައެޅުން އިތުރަށް ހަރުދަނާ ކުރުމަށް މާއްދާތަކެއް ހިމަނައި އޮޑިޓު ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ޝުޖާއު ވަނީ ތާއީދު ކުރައްވާފަ އެވެ. މިއީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ހުށައަޅުއްވާފައިވާ އިސްލާހެކެވެ.
މި އިސްލާހުގެ ބަހުސްގެ މަރުހަލާގައި ޝުޖާއު ވިދާޅުވީ، މިނިވަން މުވައްސަސާތަކުގެ އިސް ވެރިންގެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހުށައަޅާ ގޮތަށް އިސްލާހު ގެނެސްފައިވާ އޮތުމަކީ ރަނގަޅުކަމެއްކަމަށެވެ. ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް ޕާޓީއަކުން އެމްޑީޕީގެ މެންބަރަކު ހުށައެޅުއްވި މިފަދަ އިސްލާހަކަށް ތާއީދުކުރުމަކީ، ޕީއެންސީއިން ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކުރާކަން ރަމްޒްކޮށްދޭ ހެއްކެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އެއް ޕާޓީ އަނެއް ޕާޓީއަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ގައުމީ ވިސްނުމުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެހެން ނަމަވެސް އަތް ފޯރާ ފަށަށް ކޮރަޕްޝަން ތިލަވެގެން ދިޔަ ގޮތުގެ ވާހަކަ ދައްކަން ޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން އެކި އެކި ވެރިކަންތަކުގައި ކަން ހިނގާފައިވާ ގޮތް ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައެއް ފަހުކޮޅުން ނުވަތަ އެމްޑީޕީގެ ފުރަތަމަ ފެހި ގާނޫނު އަސާސީގެ ދަށުން އުފެދުނު ވެރިކަމާއި ހިސާބުން ހަގީގަތުގައި ކޮރަޕްޝަނާއި ފަސާދަ އަތް ފޯރާ ފަށަށް މި ތިރިވެގެން މިދިޔައީ، އޭގެ ކުރިއަކުން ދިވެހި ރައްޔިތުންނަށް މިއީ އެހާ ބޮޑަކަށް އެވެއާ ވެފައެއް އޮތް ކަމެއް ނޫން.
ޝުޖާއު ވިދާޅުވިއެވެ.
ރައްޔިތުންނާއި ހަމައަށް ކޮރަޕްޝަން އާންމުވެގެން އެމްޑީޕީގެ ވެރިކަމުގެ ތެރޭގައިކަމަށް ޝުޖާއު ވިދާޅުވިއެވެ. އާންމު މީހާއަށްވެސް ރިސޯޓު ތަރައްގީކުރެވެން ޖެހޭނެކަމަށް ވިދާޅުވެ، ރައްޔިތުންގެ ބޮލަށް އެމްޑީޕީއިން އެރުނުކަމަށާއި، ފެރީ ނިޒާމާއި، ނަރުދަމާ ނިޒާމާއި ކިޔައިގެން، ކްރޮސް ސަބްސިޑީގެ ނަމުގައި ކޮރަޕްޝަން ހިންގަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ތަނެއް ދޮރެއް ނުދަންނަ ޕާޓީ މީހުންނަށް ރާއްޖޭގައި އޮތްހާ އަގުބޮޑު، އެސެޓްތަކެއް ބަހާލާފައިވާކަމަށާއި، ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަށް ހިންގަމުން އައި އެތައް ހިދުމަތެއްގެ ތެރެއަށް، އެމްޑީޕީއިން ވަދެގަނެފައިވާކަމަށާއި، ޔުޓިލިޓީ ކުންފުނިތަކުގެ ނަމުގައި ކުންފުނި އުފައްދައިގެން ސީދާ ކޮރަޕްޝަނަށް މަގުފަހިކޮށްފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ދެން އައި އެމްޑީޕީގެ ވެރިކަމުގައިވެސް ކަން ހިނގައިދިޔައީ މިހެންކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވަން ވަޑައިގެން ވެރިޔާ، ކޮރަޕްޝަން ހިންގާ މީހުން ހެއްދެވީ މައުސޫމް ބަޔަކަށްކަމަށާއި، ވެރިކަމުގެ ތެރޭގައި ކޮރަޕްޝަން ހިނގާކަން އެނގިވަޑައިގެންވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއާއި ހިލާފަށް މައްސަލަތައް ފެންމަތިވާއިރަށް މި ސަރުކާރުން ގެންދަނީ ފިޔަވަޅު އަޅަމުންކަމަށާއި، މައްސަލަތައް ފެންމަތިވުމާއިއެކު މަގާމުތަކުން މީހުން ދުރުކުރި ވެރިކަމެއްވެސް މި ނޫނީ އައިސްފައި ނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

