ބިންވެރިޔާ ސްކީމްގެ ދަށުން، ރިޔާސީ އިންތިހާބުގެ ވޯޓާއި ގާތްކޮށް އެމްޑީޕީ ދޫކުރި ގޯތިތަކަކީ ރާއްޖޭގެ ތާރީހުގައި ވެސް ބަޔަކު ހިންގާފައި ނުވާވަރުގެ ބޮޑު ކޮރަޕްޝަނެއްކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މިހައްމަދު ސޯލިހުގެ ވެރިކަމުގައި، އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލައެވެ. އެންމެ ފަހުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމު ކުރި 2021 – 2023 ގެ އޮޑިޓުތައް ދައްކާ ގޮތުގައި ކުންފުނީގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ވަރަށް ގިނަ ކަންކަން ވަނީ ހިނގާފަ އެވެ.
މި ރިޕޯޓުގެ މައްސަލައިގައި ސަރުކާރުގެ މެމްބަރުން ވަނީ ކުރީ ސަރުކާރުގައި ކޮރަޕްޝަނަށް ޖާގަދީގެން ތިބި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. މި މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިރާގު ފަދަ ކުންފުނިތަކުގެ ހިއްސާތައް ވިއްކާލީ ކޮން އުސޫލުތަކެއްގެ މަތިންކަން މިއަދާއި ހަމައަށް ވެސް ނޭނގޭކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ހުރި ފަޅު ރަށްތައް ޕާޓީގެ އިސްވެރިންނާއި ގާތް ގުޅުން އޮތް މީހުންނަށް ބަހާލީކަމަށް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ދަތުރުފަތުރު ހަރުދަނާކުރުމުގެ ނަމުގައި ދޯނިތަކެއް ގެނެސް، މަސައްކަތް ކުރިއިރު އެކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭކަމަށެވެ.
ފަލާހު ވިދާޅުވީ، މިއަދު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަކީ ނަޒާހާތްތެރި ބޭފުޅެއްކަމަށް ދެންނެވިދާނެކަމަށެވެ. އަދި އެމްޑީޕީގެ ތެރެއިން ބޭފުޅަކު މި މަސައްކަތްތައް ހުށައަޅާފައިވާއިރު ބާކީ މެމްބަރުން ވާހަކަތައް ދައްކަމުންދަނީ އެކަން ނުކޮށް ތިބެން ނުކެރިގެންކަމަށް ދެކޭކަމަށް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީގެ އެހެނިހެން މެމްބަރުންނާއި، ކުޑޫ ދެމެދު ނުތަނަވަސްކަމެއް އެބަ އޮތްކަމަށެވެ. އެހެންނަމަވެސް ޕީއެންސީން މި މަސައްކަތްތަކަށް ތާއީދުކުރާކަމަށާއި ކުޑޫ ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން އެޕާޓީގެ މެމްބަރުންގެ ކަންކަން ފަޅާ އަރައި ފަޟީހަތްވެގެންދާނެކަމަށް ވާތީ ހިތްހަމަނުޖެހުންތައް ހުރިކަމަަށް ވެސް ވިދާޅުވި އެވެ.

