އައްޑޫ މީދޫ، ފޭދޫ އަދި ހުޅުދޫގެ ރައްޔިތުންގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ހިޔާލު ހޯދުމުގެ ވޯޓުގައި ކުރާނެ ސުވާލުތައް ސަރުކާރުން އާންމުކޮށްފިއެވެ.
އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، މިއީ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ހިޔާލަކަށް ވުމާއެކު، ރައްޔިތުންގެ ޝުއޫރުތައް ހުރި ގޮތް ވޯޓަކުން ދެނެގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
މި ވޯޓުގައި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ކުރައްވާ ސުވާލުތަކުގެ ތެރޭގައި، އެ ރަށްތަކަށް ވަކިވަކި ކައުންސިލުތައް އުފެއްދުމަށް ފެނޭތޯ އަދި ހުޅުދޫ-މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ފެނޭތޯ ހިމެނެއެވެ. އަދި ފޭދޫގެ ރައްޔިތުންނާ ކުރައްވާ ސުވާލުގައި އެ ރަށަށް ވަކި ކައުންސިލެއް އުފެއްދުމަށް ފެނޭތޯ އައްސަވާފައިވެއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި ވޯޓު ނެގުމަށް ނިންމެވީ، އެ ރަށްތަކުގެ ރައްޔިތުން އެކި ފުރުސަތުތަކުގައި ހުށަހަޅާފައިވާ ކަންބޮޑުވުންތަކާއި ހިޔާލުތަކަށް ރިއާޔަތްކޮށް، ރައްޔިތުންގެ ޝުއޫރު ދެނެގަތުމަށްޓަކައެވެ. މި ވޯޓުގެ ނަތީޖާއަށް ބިނާކޮށް އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ރޭވިފައެވެ.
އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރަށްތަކުގެ ތަރައްގީއަށް މަގުފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

