ސަރުކާރާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ޓީޗަރުންގެ އަދަދު 11،372 އަށް އަރާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ތިބި ޓީޗަރުންގެ ތެރެއިން އަންހެން ޓީޗަރުންގެ އަދަދު 8،832 އަށް އަރާއިރު، ފިރިހެން ޓީޗަރުންގެ އަދަދަކީ 2،540 އެވެ. މިއީ ދެ ޖިންސުގެ ދެމެދުގައި ފާހަގަކުރެވޭ ބޮޑު ތަފާތެކެވެ.
ޓީޗަރުންގެ ޖުމުލަ އަދަދުގެ ތެރެއިން މާލެ ސަރަހައްދުގައި މަސައްކަތްކުރަނީ 3،367 ޓީޗަރުންނެވެ. އަދި އެހެނިހެން އަތޮޅުތަކުގައި މަސައްކަތްކުރަނީ 8،005 ޓީޗަރުންނެވެ. އަދި މުޅި ރާއްޖޭގައި ތިބި ޓީޗަރުންގެ ތެރެއިން 8،978 އަކީ ދިވެހިންނެވެ. އަދި 2،394 އަކީ ބިދޭސީ ޓީޗަރުންނެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ޓީޗަރުން މަސައްކަތްކުރަނީ ހދ. އަތޮޅުގައެވެ. އެ އަތޮޅުގައި 709 ޓީޗަރުން މަސައްކަތްކުރާއިރު، އައްޑޫ ސިޓީގައި 676 ޓީޗަރުން މަސައްކަތްކުރެއެވެ. އަދި ރ. އަތޮޅުގައިވެސް މިއާ ގާތްކުރާ އަދަދެއްގެ ޓީޗަރުން މަސައްކަތްކުރެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ މަދު ޓީޗަރުން މަސައްކަތްކުރަނީ ވ. އަތޮޅުގައެވެ. އެ އަތޮޅުގައި މަސައްކަތްކުރަނީ އެންމެ 84 ޓީޗަރުންނެވެ.

