ކޮރަޕްޝަންގެ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭނީ ސަރުކާރާއި، މެންބަރުން އިސްލާހުވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޮރަޕްޝަނާއި ދެކޮޅަށް ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ އިހުލާސްތެރި ނިޔަތެއް އޮވެގެން މިކަން ކުރަން ޖެހޭކަމަށެވެ. ކުށްވެރި ކުރަންވީ ކޮން ސަރުކާރެއްތޯ ބަލައިގެން މައްސަލައިގެ ހައްލު ނުލިބޭނެކަމަށް ޒިޔާދު ވިދާޅުވިއެވެ.
ސަރުކާރުތައް ޖަވާބުދާރީކޮށް، އަދުލު އިންސާފު ގާއިމްކުރާނެ ވާހަކަދެއްކޭނެ ވަކި ޕާޓީއެއް ނެތްކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭނީ ފަނޑިޔާރުގެތައް އިސްލާހުވެގެންކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގައިވެސް ފެނިގެން ދިޔައީ މުޅި ޝަރުއީ ނިޒާމަށް އަތްބާނާ މަންޒަރުކަމަށާއި، އަމިއްލައަށް ހޯދައިގެން މައްސަލަތައް ފެންމަތިކުރުމަށްފަހު، ފަނޑިޔާރުންގެ މައްސަލަ ހުރިކަމަށް ދެއްކުމަށްފަހު އިތުބާރު ނެތްކަމަށް ކަނޑައަޅާފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ.
އަދުލު އިންސާފުގެ ވާހަކަދައްކާއިރު، މަޖިލީހުގެ ޒިންމާ އަދާ ނުކުރެވޭނެކަމަށްވެއްޖެއްޔާ އަޅުގަނޑުމެންނަކަށް ނެތް. އަޅުގަނޑަށް ދެއްކިދާނެ މިހާރުގެ ޕާޓީ، މި ސަރުކާރުން ކުރާ ކަންތައްތަކުގެ ވާހަކަ، ރަނގަޅު ކުރަން ބޭނުންވާތީ އަޅުގަނޑު މިވާހަކަ މިދައްކަނީ.
ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަ އޭނާ މަޖިލީހުގައި ދައްކަނީ އެކަންކަން ރަނގަޅު ކުރާނެކަމުގެ އުއްމީދުގައިކަމަށެވެ. މަޖިލީހުން ޒިންމާ އަދާ ކޮށްގެން ނޫނީ ކޮރަޕްޝަނާއި، އަދުލު އިންސާފު ގާއިމް ނުވުމުގެ މައްސަލަތަކަށް ނިމުމެއް ނާންނާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.
ދައުރު ނިމުމުން ނޫނީ ކޮރަޕްޝަން، ކޮރަޕްޝަނަށް ނުވާކަމަށާއި، މި މައްސަލަތައް ފެންމަތިވެސް ނުވާކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި އޭރެއްގައި އޮންނަ ވެރިކަމުން މިކަމަށް އަޅާ ފިޔަވަޅެއް ނޯންނަކަމަށާއި، މިއީ ކަންބޮޑުވުމެއްކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ. ކޮރަޕްޝަންގެ މައްސަލަތައް ދެން ފެންމަތި ވަނީ މީހަކު ކަމަކާއި ކުރިމަތިލުމުންކަމަށް ޒިޔާދު ވިދާޅުވިއެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި މީހުން މަގާމުތަކުން ވަކިކުރާނަމަ، އެކަން ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތެއްގައި ސާފުވާން ޖެހޭނެކަމަށާއި، އެއް ކުންފުނިން ވަކިކުރުމަށްފަހު، ދުވަސްކޮޅެއް ފަހުން ހަމަ އެމީހާ އަނެއް ކުންފުންޏަށް އައްޔަނުކުރުމުން އިތުބާރު ގެއްލޭކަމަށް ޒިޔާދު ވިދާޅުވިއެވެ.
މި ހުރިހާކަމެއް ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރާއިކަމަށް ޒިޔާދު ވިދާޅުވިއެވެ. ވަޒީރުން ހާޒިރުކޮށް، ޖަވާބުދާރީ ކުރެވޭނެ މަގުތައް މިހާރު އޮތީ މަޖިލީހުގެ މެންބަރުންނަށް ގެއްލިފައިކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ މަޖިލީހުގެ ކަރާމާތާއި ގަދަރު ދަމަހައްޓާނީ މަޖިލީހަށް ވަޑައިގަންނަވާއިރު، ތުރުކުރައްވާ ހެދުމުންނާއި، އަޅާ ޓައި އިން ނޫންކަމަށެވެ.
މަޖިލީހުގެ މެންބަރުންގެ އަމިއްލަ މިނިވަންކަން ނެތްކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، ޕީއެންސީގެ މެންބަރުންނަށް ރަނގަޅު ގޮތަށް އާ ބަސް ބުނަން ނުކުރޭކަމަށާއި، އަމިއްލައަށް ޖަވާބުދާރީވެ ސަރުކާރުގައި ހުރި ކަންކަމާއި ގުޅޭ ގޮތުން އަޑު އުފުލާ، އިސްލާހަށް މަސައްކަތް ކުރަންވެސް ނުކެރޭކަމަށެވެ. ފުރަތަމަކަމަކަށް ސަރުކާރާއި މަޖިލީސް މެންބަރުން އިސްލާހުވާން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އެހެން މީހުންނާއި، ކަންކަމަށް ގޮތް ކިޔަން ވާނީ އެއަށްފަހުކަމަށް ޒިޔާދު ވިދާޅުވިއެވެ.

