އުމުރުން 75 އަހަރާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތުމަށް ރާއްޖޭގެ 99 އިންސައްތަ ރައްޔިތުން އެދޭކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރީއެމްޕްލޯއިމަންޓް ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، މި ބިލުގެ ސަބަބުން ޒުވާނުންނަށް އޮތް ފުރުސަތު ގެއްލިގެންދާނެކަމަށް ދޭހަވާގޮތަށް ދެކެވޭ ވާހަކަތައް ފާހަގަކުރެވޭ ކަމަށެވެ. މިހާރު ގާނޫނު އޮތްގޮތުން 55 އަހަރުވުމުން ވަޒީފާއިން ވަކިކުރުމުގެ ބާރު ލިބިދީފައިވާއިރު، 65 އަހަރުވުމުން ވަޒީފާއިން ވަކިކުރެވޭނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިއީ ރައީސްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދުފުޅު. މި ބިލަކީ ހަގީގަތުގައި ރާއްޖެއަށް ވަރަށް މުހިންމު ބިލެއް،“ ފަލާހު ވިދާޅުވިއެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުގައި 55 އަހަރުގައި ރިޓަޔަރކުރާ ފަރާތްތަކަކީ އެ އުމުރުގައި މަސައްކަތު މާހައުލު ދޫކޮށްލެވޭވަރުގެ އާމްދަނީއެއް ލިބިފައިވާ ފަރާތްތައްކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. ނަމަވެސް ތަރައްގީވަމުންދާ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ސަރުކާރުތައް އަބަދުވެސް އޮންނަނީ ދެކޮޅު ނުޖެހޭ ހާލަތެއްގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، މުސާރައާއި އިނާޔަތްތަކުން ކިރިޔާ ދިރިއުޅެވޭ މިންވަރަށް ލިބޭއިރު، އެއްވެސް އެއްޗެއް ރައްކާނުކުރެވޭ ކަމަށާއި، މަދު ރައްޔިތަކަށް ނޫނީ ވަޒީފާ އަދާނުކޮށް ދިރިއުޅެވޭނެ ގޮތެއް ނެތްކަން ފަލާހު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ރާއްޖޭގެ ވެރިކަން ހަވާލުކުރީ އެމަނިކުފާނު ގެންގުޅުއްވާ މިފަދަ ސިޔާސަތުތަކަށް ތާއީދުކޮށްގެން ކަމަށާއި، އުމުރުން 55 އަހަރު ވެގެންދާއިރު ސިއްހީ ހާލަތު ތަންދޭނަމަ އަދި ހަށިގަނޑުގައި ވަރުހުރިނަމަ، 75 އަހަރާ ހަމައަށް މަސައްކަތުގެ މާހައުލުގައި ދެމިތިބުމުގެ ފުރުސަތު އޮތުމަކީ މުހިންމުކަމެއް ކަމުގައި ފަލާހު ވިދާޅުވިއެވެ.

