ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާވެހި ފައިނޭސިން ސްކީމުގެ ދަށުން ދޫކުރާ ލޯނު ލިބުނު ކަމުގެ ލިޔުން 15 މީހަކަށް ހަވާލުކޮށްފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ބޯހިޔާވަހިކަމަށް ހައްލު ގެންނެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅުގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ލުއި ގޮތެއް ބޭނުންވެފައިވާ ފަރާތްތަކަށް، ބޯހިޔާވަހިކަން ގާއިމްކުރެވޭނެ މަގު ފަހިކޮށްދިނުނަށްޓަކައި %5 ރޭޓުގައި ހިންގާ އިސްލާމިކް ފައިނޭންސިން ޕްރޮގްރާމެއް ހިންގުމަށް ކަނޑައެޅިގެންދިޔައެވެ.
މި ސްކީމްގައި 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ގޮތަށް 25 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތު އޮވެއެވެ. އަދި އިކުއިޓީގެ ގޮތުގައި އޮންނަ 20 އިންސައްތަ ސަރުކާރުންވެސް ހަމަޖެއްސޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ގައުމީ ބެންކުގެ ހައިސިއްޔަތުން އެ ބެންކުން ވަރަށް ބޮޑު ޒިންމާއެއް ނަގަންޖެހޭކަމަށެވެ. އެއީ ފައިދާ ކުރާ ކަންކަމުގައި ރައްޔިތުންނަށްޓަކައި އެހީތެރިކަން ދިނުމުގެ ޒިންމާކަމަށެވެ. އަދި ބެންކުގެ ކުރިއެރުމާއި ގައުމުގެ ކުރިން އެރުން ގުޅިފައިވާކަމަށް ފާހަގަކުރެއްވިއިރު އެތަނުގެ ކުރިއެރުމާއި ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މި ސްކީމް ތައާރަފްކުރުމާއިއެކު އެކަމުގައި ގައުމީ ބެންކުން އެހީދޭންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

