ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް ”އެކްސްޕެޓް އޮންލައިން ސިސްޓަމް“ އަށް އަދާހަމަ ނުކުރެވި ގިނަ އަދަދެއްގެ މީހުން ތިބިކަން ފާހަގަކުރެވިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ”އެކްސްޕެޓް އޮންލައިން ސިސްޓަމް“ ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސްތައް އަދާހަމަކުރެވިފައި ނުވެ އެވެ. މީގެކުރިން ވެސް މިނިސްޓްރީން މިދިޔަ ޖޫން މަހު ވެސް މިކަމަށް ސަމާލުވުމަށް އެދިފައިވާނެކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ”އެކްސްޕެޓް އޮންލައިން ސިސްޓަމް“ ގެ ރިކޯޑްތަކުން މިހާތަނަށް ދައްކާގޮތުން، 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވެއެވެ. އެހެންކަމުން ”އެކްސްޕެޓް އޮންލައިން ސިސްޓަމް“ ގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާނަމަ، 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެކަން ފުރިހަމަ ކުރުމަށް ވަނީ ބުނެފަ އެވެ.
މައްސަލައިގައި ހޯމް މިނިސްޓްރީން ބުނީ އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ، ބިދޭސީންނާއި ވަޒީފާދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ.
މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓް ކުރެވޭނެކަމަށާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 01/2007) ގެ ދަށުން އެ ބިދޭސީންނާމެދު ފިޔަވަޅު އަޅާނެކަކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ.
މީގެ އިތުރުން، އެ ބިދޭސީންގެ ވަޒީފާދޭ ފަރާތްތައް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވެއެވެ. އަދި އިމިގްރޭޝަން ގާނޫނުގެ ދަށުންވެސް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުނެއެވެ.

