ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ޓައީ ނާޅައި ހާޒިރުވާން ފެށުމުން، ޓައީ އެޅުމަކީ މަޖުބޫރު ކަމެއް ނޫންކަމަށް ހެދުމަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އިދިކޮޅު މެމްބަރުން ޓައީ ނާޅައި ޖަލްސާތަކަށް ހާޒިރުވާން ފެށީ، ވަޒީރުން މަޖިލީހުގެ ތަޅުމަށް ހާޒިރުނުވާ ކަމަށް ބުނެއާއި، ހާޒިރުވިޔަސް ދެވޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތަކެއް ނުދޭ ކަމަށް ބުނެ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މެމްބަރުންގެ ރަސްމީ ހެދުމަކީ ކޮބައިކަން ގަވައިދުގައި ހިމެނުމަށް އެދި އާންމު ކޮމިޓީއަށް މައްސަލައެއް ފޮނުއްވާފައެވެ.
އާންމު ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ. މި ރިޕޯޓުގައި މެމްބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ހެދުން އަޅަންވީ ގޮތުގެ އުސޫލު މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމެނުމަށް ފާސްކޮށްފައިވެއެވެ.
ރިޕޯޓުގައި ރަސްމީ ހެދުމުގެ ގޮތުގައި ހަތަރު ބާވަތެއްގެ ހެދުން ކަނޑައަޅާފައިވެއެވެ. އެއީ:
- ކޯޓު ފަޓުލޫނު
- ގައުމީ ހެދުން/ދިވެހި ސަގާފީ ހެދުން
- ގަމީހާއި، ޓައި އަދި ފަޓުލޫނު
- ދިވެހިރާއްޖޭގައި ހެދުން އެޅުމުގެ އާންމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން
މީގެއިތުރުން، ޖަލްސާތަކަށް ވަޑައިގަންނަވާއިރު ހުއްދަ ނޫން ހެދުންތައް ވެސް ރިޕޯޓުގައި ވަނީ ކަނޑައަޅާފައެވެ. އެއީ:
- ހަންގަނޑު ފާޅުވާ ގޮތަށް ހުންނަ ތުނި ހެދުމާއި، ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ހުރި ހެދުން އަދި އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރު ބަސްތައް، އިބާރާތްތަކާއި ކުރެހުމާއި ކާޓޫނު ހުންނަ ހެދުން.
- އެއްވެސް ބާވަތެއްގެ ޖީންސްއާއި، ގިނަ ޖީބުތައް ލާފައި ހުންނަ ކުރު ނުވަތަ ދިގު ހަރުވާޅު.
- ޓީޝާޓު ނުވަތަ ޓީޝާޓު ފޮތީގެ ހެދުން
- ފެންވައިވާނާއި، ޓެނިސް އަދި ޖޮގިންސް ބޫޓު
އުސޫލާއި ހިލާފުވެއްޖެ ނަމަ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތީންކަމަށް އިސްލާހުގައި ވެއެވެ.
މި އިސްލާހުގައި ބުނެފައި ވަނީ މަޖިލިސް ކުރާ މާލަމަށް ވަންނަ ފަރާތްތައް ވެސް ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ އުސޫލަކީ މިއީ ކަމަށެވެ.
އާންމު ކޮމިޓީން ފާހަގަކުރި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާތަކުގައި ހެދުން އެޅުމުގެ ހާއްސަ މިންގަނޑެއް މިހާތަނަށް ލިޔުމުން ކަނޑައަޅާފައި ނެތްކަމާއި، މެމްބަރުންގެ ހައިސިއްޔަތުން ޖަލްސާތަކުގައި ހެދުން އެޅުމުގެ އުސޫލެއް ނުވަތަ މިންގަނޑެއް ލިޔުމުން ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެކެވެ. އަދި އެ އުސޫލަށް ހުރިހާ މެމްބަރުން ޢަމަލުކުރުމަކީވެސް މުހިންމު ކަމެއްކަމުގައި ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
މި އިސްލާހުތައް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ، ޓައީއަކީ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގައި މަޖުބޫރު ނުވާނެ އެވެ. ނަމަވެސް މި ނިންމުން ތަންފީޒު ކުރެވޭނީ، ކޮމިޓީ ރިޕޯޓު ތަޅުމުން ފާސްކުރުމުންނެވެ.

