ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭވިގެން ހިންގާ ސިޔާސީ ތަހުގީގުތަކުން ނިކުތް ނަތީޖާ މާޒީން އޮތީ ފެންނަން: ސޯލިހު

ސަންގު ބަހުސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ސިޔާސީ އެކި ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރަނީ
ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމުގެ ބޭނުމުގައިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނުގެ އެކި ވާހަކަތައް މިފަހުން ފެންމަތިވެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ފެނަކަ ކޯޕަރޭޝަނުގެ ހާއްސަ އޮޑިޓާއި އެކުއެވެ. އެމްޑީޕީ ސަރުކާރުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވުނު އެ ރިޕޯޓާއި އެކު ސަރުކާރުގެ މެންބަރުން ވަނީ އޭރު ދައުލަތުގެ އެކި މަގާމުތައް ފުރުއްވި ބޭފުޅުންނާއި ކުންފުނިތަކުގެ އިސްވެރިންގެ މައްސަލަތައް ބެލުމަށް ގޮވާލާފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، ތަޅުމަށް ވެސް ބައެއް މައްސަލަތައް ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ ގޯސްވެފައިވަނިކޮށް އޭސީސީ ކުރިޔަށް ގެންދާ ތަހުގީގަކަށް އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއަށް ވަނީ ކޮމިޝަނަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައެވެ.

ފައްޔާޒަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށެވެ. އަދި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިންކަމަށް ފައްޔާޒަށް ތުހުމަތު ކުރެއެވެ.

މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ތުހުމަތުކުރެއެވެ. ނަމަވެސް މި މައްސަލައިގައި ފައްޔާޒް ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.

ފައްޔާޒް ހާޒިރުވާން އެނގި މައްސަލައިގައި ޕޯސްޓު ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، ކުރީގެ އަމީރު ވެސް އާދީއްތަ ދުވަހު އޭސީސީއަށް ހާޒިރުވާން އަންގައި ޗިޓު ލިބުނުކަމަށް ޕޯސްޓު ކުރެއްވިއެވެ. އަމީރު ވިދާޅުވީ 2019 އިން 2023 އަށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށާއި، ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްިކޮށް، ފައިދާވާނެ ގޮތަށް ކަމަށެވެ.

އައިޝަތު އަލީއަށް ވަނީ އޭސީސީއަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނޫނެވެ. މި މައްސަލައިގައި އައިޝަތު އަދި އެއްވެސް ޕޯސްޓެއް ކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ސަރުކާރުގެ ތިން މިނިސްޓަރަކު މިގޮތަށް ހާޒިރު ކުރާތީ ރައީސް ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފައްޔާޒް އާއި އަމީރު އަދި އައިޝަތު އަލީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށެވެ. މާޒީގައި މިކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި، އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ގައުމު ކިލަނބުވާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: