ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެންބަރު މަހު މީރާއިން 3.01 ބިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެންބަރު 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.01 ބިލިއަން ރުފިޔާކަމަށް މޯލްޑވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ރިޕޯޓުތައް ދައްކާ ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި، ސެޕްޓެންބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ސެޕްޓެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ސެޕްޓެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވުމާއި ގުޅިގެންނެވެ.

މިއީ، އޮގަސްޓު 2024 އާ އަޅައިބަލާއިރު އޮގަސްޓު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 9.0 އިންސައްތް އިތުރުވެފައި ވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ.

މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ސެޕްޓެންބަރު 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

ސެޕްޓެންބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 33.7 އިންސައްތަ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ރިޒޯޓުތަކުގެ ކުލި އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ސެޕްޓެންބަރު މަހު ދައްކައިފައިވުމުން، އަންދާޒާކުރި އާމްދަނީއާ އަޅައިބަލާއިރު ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. މި ފީއަކީ އެއް ފަހަރު ދައްކާ ފީއަކަށްވުމުން، އާމްދަނީގެ އަންދާޒާތަކުގައި މި ފީ ހިމަނާފައި ނުވެއެވެ. މީގެ އިތުރުން، ސެޕްޓެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ 14.9 އިންސައްތަ އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ.

އާމްދަނީގެ 6.4 އިންސައްތަ ލިބިފައި ވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.

ސެޕްޓެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 40.5 އިންސައްތަ ނުވަތަ 1.22 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންއެވެ. އެއީ 16.9 އިންސައްތަ ނުވަތަ 507.2 މިލިއަން ރުފިޔާއެވެ.

ރިޒޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 404 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 199.1 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިއަން ރުފިޔާ  ބަލައިގަނެފައިވެއެވެ.

ސެޕްޓެންބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 150.25 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: