ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގުތައް ގެންދަނީ ޕްރޮފެޝަނަލްކަމާއި އެކު، ތަހުގީގަށް ހިފަހެއްޓި ފޯނަކުން ފޮޓޯއެއް ލީކުވެފައި ނުވާނެ: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ފުލުހުން ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއްކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓް، އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓު އައިޝަތު ޝިމަންގެ ފޯނު ތަހުގީގެއްގެ ބޭނުމަށް ހިފަހައްޓާފައި ވަނިކޮށް ފޮޓޯއެއް ފުލުހުން ލީކުކޮށްފައިވާކަމަށް ތުހުމަތުތައް ކުރަމުންދާތީ އެވެ.

ޝިމަންގެ ފޯނު ފުލުހުން ހިފެހެއްޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދޭ މޭރުމަކުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ފޯނު ހިފެހެއްޓި ފަހުން، އެކްސްގައި ”ޝިމަންގެ ފޯނު“ ގެ ނަމުގައި އެކްސްގައި އެކައުންޓެއް ހަދައި، އޭނާގެ ފޮޓޯއެއް އާންމުކޮށްފައި ވެއެވެ. މި އެކައުންޓު ރިޕޯޓު ކުރުމުން، މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޝިމަން އާއި އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރަނީ، އޭނާގެ ފޮޓޯއެއް ފޯނުން ލީކުކޮށްލާފައި ވަނީ ފުލުހުންގެ ތެރެއިން ކަމަށެވެ.

މި ތުހުމަތުތައް ދޮގުކޮށް، ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ އެއްވެސް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި މިފަދަ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ދޮގު ތުހުމަތުތަކެއްކަމަށް ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި ވާގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން، ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ވަނީ ގާއިމުކުރެވިފައެވެ. އަދި އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރު ކުރެވިފައިކަމަށް ވެސް ބުންޏެވެ. އެހެންކަމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއް ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަން ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: