މިވަގުތަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަންނަ ރަމަޟާން މަހުގައި 50އަށް ވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކޮށް ދަސްވެނިވާނެ ކަމަށް އިސްލާމި ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެ މިއަދު ދެކެމުން މިދަނީ ވަރަށްވެސް ހެޔޮ، ދުވަސްތަކެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކީރިތި ގުރުއާނާއި އަދި ދީނީ ކަންކަން ރާއްޖޭގައި ކުރިއަރައިގެން ދަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މި ދާއިރާއަށް އެވަރުގެ އަހަންމިޔަތުކަމެއް ދޭތީ ކަމަށެވެ. މި ބާވަތުގެ ކަންކަން ގައުމެއްގައި ގައުމެއްގައި ކުރިއަށް ގެންދެވޭނީ އެގައުމެއްގައި ގާއިމްވެފައި އޮންނަ ސަރުކާރެއް އެކަންކަމަށް ދޭ އަހަންމިޔަތުކަމެއްގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެހެންނޫންނަމަ ހުރިހާ ސަރުކާރެއްގައިވެސް މި ދާއިރާ މިހާ ކުރިއަރައިގެން ދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގުރުއާނުން ލިބިދޭ ހިދާޔަތުންވެސް، ހިދާޔަތު ލިބެންޖެހޭނެ ކަމަށެވެ. ޝަހީމް ވިދާޅުވީ ގުރުއާން ރީތި ރާގަށް ކިޔެވުމަކުން ހަމައެކަނި ނުފުދޭ ކަމަށާއި، މުޖުތަމައުއެއްގައި އާމާންކަމާއި ލޯތްބާއި އިހްތިރާމާއި ގަދަރު ދެމެހެއްޓުމަށް ގުރުއާނުގެ ހިދާޔަތު ގޮވާ ކަމަށް ވިދާޅުވިއެވެ.
”ކީރިތި ގުރުއާނުގެ މި ހިދާޔަތުގައި އުޅެގެން މި ހެޔޮ ދުވަސްތައް އިންޝާﷲ ދެމެހެއްޓޭނީ. މި މުބާރާތުގެ ތާރީހުގައި އަންނާނެ އެންމެ މަތިވެރި އެއް ދުވަސް އަޅުގަނޑުމެންނާއި ބައްދަލު މިކުރަނީ. ﷲގެ ހެޔޮ ރަހުމަތްފުޅުން ކުރީގެ އެހެން ޖަލްސާއެއްގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، މި މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ހުރި ދަރިވަރެއް. ފަހުން މި މުބާރާތައް ދަރިވަރުން ތަމްރީނު ކުރުމަށް އުސްތާޒަކަށްވިން. ފަނޑިޔާރަކަށް ވިން“
ކޮންމެ ޒަމާނެއްގައިވެސް، އެ ޒަމާނެއްގައި އޮން މިންވަރުން ގުރުއާން މުބަރާތައް ގަދަރު ދެވިފައި ވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންނނަމަވެސް މިއަދު މިއަދު މި މުބާރާތައް ދެވިގެންދާ ދަރަޖަ އާއި މަތިވެރިކަމަކީ މި މުބާރާތުގެ ތާރީހުގައިވެސް ދެކެފައިވާ ދުވަހެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިއީ ފެށިގެންދާ އައު ސަފްހާއެއް ކަމަށެވެ. މިދިޔަ ރަމަޟާން މަހުގައި ހާފިޒުންގެ 24 ދަރިވަރުން ދަސްވެނިވެފައި ވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިވަގުތަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަންނަ ރަމަޟާން މަހުގައި 50އަށް ވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކޮށް ދަސްވެނިވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ މިދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500އަށް އެރުވުން ކަމަށެވެ.

