ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތައް ލޭބަރ ކުއާޓަރ ގެ ގޮތުގައި ވެސް އެބަ ބޭނުން ކުރޭ، މައްސަލަ ބަލާނަން: މުއްތަލިބު

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖްތިމާއީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓުތައް ކުއްޔަށް ދީ، ތިންވަނަ ފަރާތަކުން އެ ތަންތަނުގައި ދިރިއުޅެމުން ގެންދާ މައްސަލަ ގާނޫނީ އިމުގެ ތެރެއިން ހައްލު ކުރާނެކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ހައުސިންގެ ދަށުން ލިބިފައި ހުންނަ ފްލެޓުތައް ކުއްޔަށް ދިނުމަކީ ވަރަށް އާންމުކަމެއް ނަމަވެސް، މިކަމަށް މީގެ ކުރިން އެއްވެސް ފިޔަވަޅެއް އެޅިފައި ނެތެވެ.

ބޮޑު އަގުގައި ފްލެޓުތައް ކުއްޔަށް ދޫކޮށްފައި ހުންނައިރު، ގިނަ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދައްކާ ހުންނަ ކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ސަރުކާރަކުން މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުކަމަށްވާ ހިޔާ ފްލެޓުގެ މަޝްރޫއުގައި ހިމެނުނު ގިނަ އަދަދެއްގެ ފްލެޓުތައް ވެސް މިގޮތަށް ކުއްޔަށް ދޫކޮށްފައި އެބަހުއްޓެވެ.

ސޯޝަލް ހައުސިންގެ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ އަނެއްކާވެސް ފެންމަތިވެގެން އައީ، ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރަން ޖަހާފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މި މައްސަލަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވެސް ދަނީ ބަލަމުންނެވެ.

ސޯޝަލް ހައުސިން ކުއްޔަށް ދީފައިވޭތޯ ބެލުމަށް މަސައްކަތްތަކެއް ފެށުމަށް އިއްޔެ އިއުލާނުކޮށް، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތައް ގުޅިފައި ވަނީ ބޮޑެތި ދަރަނިތަކާއި ކަމަށެވެ. އަދި ސަރުކާރުން އެގޮތަށް ލޯނު ނަގައިގެން އެ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ކުލި ލިބޭނެކަމަށް ބަލައިގެންކަމަށް ވެސް މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު ވިދާޅުވީ ފްލެޓު ލިބުމަށް ފަހު ގިނަ ބަޔަކު ދައުލަތަށް ދައްކަން ޖެހޭ ކުލި ގަވައިދުން ދައްކަމުން ނުދާއިރު، ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ކުލި ނުދައްކާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްތައް ދިމާވާކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ، ކުލި ނުދެއްކުމަކީ ހަމައެކަނި ސަރުކާރުން ހިންގާފައި އޮތް މަޝްރޫއަާކާ ގުޅިގެން ނުވަތަ ސަރުކާރުން ހިންގާފައިވާ ޕޮލިސީއަކާ ގުޅިގެން ސަރުކާރަށް ނަފްރަތު ބޭލުމަށްޓަކާ ކޮށްގެން ފަރުޖެއްސޭ ކަހަލަ ކަމެއް ނޫން ކަމަށެވެ. އެކަމުގައި އެތައް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގުތައް ހިމެނިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ފްލެޓުތަކުގެ ކުލި ނުދައްކާ މައްސަލައާއި، ހާއްސަކޮށް ހިޔާ ފްލެޓުތައް ނާޖާއިޒް ގޮތުގައި ބޭނުންކުރާ މައްސަލަ ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ. ހިޔާ ފްލެޓުތަކާ ގުޅޭގޮތުން މުއްތަލިބު ވިދާޅުވީ، އެތަންތަނުގައި ލޭބަރ ކުއާޓަރ ހަދާފައި ހުންނަކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ ފްލެޓުތަކުގެ ބޭނުމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށާއި، މިއީ އެއްގޮތަކަށް ވެސް ބޮޑު އަގުގައި ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުރި ތަންތަނެއް ނޫން ކަމަށެވެ.

މިއީ ރައްޔިތުން ބޯހިޔާވަހިކަމުގެ ދަތިކަން ތިބި ފަރާތްތަކަށް ދޭން ހުރި ތަންތަން. 20،000 އިން 25،000 ރުފިޔާއިން ކުއްޔަށްދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫން މިއީ

މި މައްސަލަތައް ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގައި، އެކަމަށް ގާނޫނުގެ ތެރެއިން ވިޔަސް ހައްލުކުރާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ސޯޝަލް ހައުސިންއަށް ދޫކޮށްފައި ހުރި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަމުންދާކަމަށެވެ.

ފްލެޓުތަކަށް ކުލި ދެއްކުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ވިދާޅުވީ، މަޝްރޫއުތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ އެއް މަގަކީ އެއީ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ. އަދި މި ފްލެޓުތައް ބޮޑު އަގުތަކުގައި ކުއްޔަށްދީ، އެ ތަންތަން ލިބުނު ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅުމަށް ވެސް އަދި އެހެން ބޭނުމަކަށް ވެސް ބޭނުން ކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫންކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިމިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންކަމަށް ހާމަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: