އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ކުރަމުން ގެންދާ މައްސަލައެއްގެ ތަހުގީގަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.
އަމީރުގެ އިތުރުން އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާއި، އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. އައިޝަތު އަލީއަށް ވެސް ކޮމިޝަނަށް ހާޒިރުވުމަށް އަންގައި ޗިޓު ވަނީ ފޮނުވާފަ އެވެ.
އޭސީސީއަށް ހާޒިރު ކުރާ މައްސަލައިގައި އަމީރު ވިދާޅުވީ، އޭނާ ފަސް އަހަރު ވަޒީރުކަމުގެ މަގާމު އަދާކުރީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ދައުލަތަށް ގެއްލުމެއް ވެދާނެ ގޮތަކަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެކަމަށް އަމީރު ވިދަޅުވި އެވެ.
އަމީރު ވިދާޅުވީ ލަފާ ދޭން ޖެހޭ ކަންކަމުގައި، ލަފާ ދީފައި ވާނީ ދައުލަތަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށް ވީހާވެސް ފައިދާ ކުރާނެ ގޮތެއްގެ މަތީންކަމަށެވެ. އަދި ޔަގީންކަން އަމިއްލަ ނަފްސާއި މެދު އޮންނާނެކަމަށް އަމީރު ވިދާޅުވި އެވެ.
އޭސީސީއަށް ފާޑުކިއުން އަމާޒު ކުރައްވައި އަމީރު ވިދާޅުވީ ކޮމިޝަނުގެ މެމްބަރުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ދިފާއުގައިކަމަށެވެ. އަދި ބޭއިންސާފުން މީހުން ފްރޭމް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދެނީ އޭސީސީކަމަށް އަމީރު ތުހުމަތު ކުރެއްވި އެވެ.
މިއީ ބިރު ދެއްކުމުގެ އަމަލެއްކަމަށް ސިފަ ކުރައްވައި އަމީރު ވިދާޅުވީ، ސަރުކާރުން އިސްވެ އޮވެ ކިތަންމެ ގިނަ ޗިޓެއް ފޮނުވި ނަމަވެސް އެމްޑީޕީގެ އެއްވެސް މެމްބަރެއް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
އަމީރު މިއަދު ކޮމިޝަނަށް ހާޒިރުކޮށް، ފައްޔާޒް ހާޒިރު ކުރާނީ ހޯމަ ދުވަހު އެވެ. ފައްޔާޒަށް ކުރާ ތުހުމަތަކީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގައި ބައިވެރިވެފައި ވަނީ އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ސްވިފްޓު އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއްދީ ކުންފުންޏަށް ލިބެން ނުޖެހޭ މާލީ މަންފާއެއް ހޯދައިދިންކަމަށް ތުހުމަތުކޮށެވެ.

