ފަސްޓް ހޯމް، ނުވަތަ ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް ކޮންސްޓްރަކްޝަން، އެންޑް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެެންމެ ބޮޑު ވައުދެވެ. އަދި ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ބޯހިޔާވަހިކަމުގެ ޖުމްލަ ހައްލެއް ގެނެސްދޭނެކަމަށް ވަނީ ވައުދުވެފަ އެވެ.
ބޯހިޔާވަހިކަމާއި ގުޅޭގޮތުން މުއްތަލިބު ވާހަކަ ދެއްކެވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިއަދުގެ ޕްރެސްގައި މުއްތަލިބު ވިދާޅުވި ގޮތުގައި މި އަމާޒަށް ވާސިލުވުމަށްޓަކައި، ކެބިނެޓުން ވަނީ ބޯހިޔާވަހިކަމުގެ ދެ ސްކީމެއް ހިންގުމަށް ފާސްކޮށްފައެވެ.
ފުރަތަމަ ސްކީމެއްގެ ގޮތުން މިނިސްޓަރ ފާހަގަކުރެއްވީ ފައިނޭންސް އިންސްޓިޓިއުޝަންތަކުން ފަންޑުކޮށްގެން އަތް ފޯރާފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ”ލިސްޓް އޮން“ އުސޫލުން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މިކަމަށް ބޭނުންވާ އުސޫލުތައް ހެދުމަށް ހެދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން މަސައްކަތް ފަށައި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް މުއްތަލިބު ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން ސަރުކާރުގެ އަމާޒަކީ، މުއްތަލިބު ވިދާޅުވި ގޮތުގައި މިހާރު 4000 ފްލެޓް ޔުނިޓަށް މަހު ކުއްޔަށް ދައްކަމުންދާ ގާތްގަނޑަކަށް 10،000 ރުފިޔާއަށް ވުރެ ދަށް މިންވަރެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރުމެވެ. އިތުރު ތަފްސީލެއް ހިއްސާ ނުކޮށް، މުއްތަލިބު ވިދަޅުވީ ބޭންކާއި ގުޅިގެން ކުރެވޭ މަސައްކަތަށް ފަހު އެ މައުލޫމާތުތައް ފަހުން އިއުލާނު ކުރާނެކަމަށެވެ. އަދި ވިދާޅުވީ މޮޑެލްގެ ދަށުން 3000 ފްލެޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ރައީސް މުއިއްޒު ވަރަށް ފަހުން އިއުލާނު ކުރައްވާފައިވާ 3000 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ފެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ދަނީ ކުރެވެމުން… އަޅުގަނޑުގެ އުންމީދަކީ 4000 ފްލެޓް ޔުނިޓްގެ މަހު ކުލީގެ ގޮތުގައި މިހާރު އެ ދައްކާ މިންވަރު އެހާކަށް ވަރަ ގާތްގަނޑަކަށް 10،000 އަށް ވުރެ ދަށް މިންވަރެއްގައި.. ހިފަހައްޓައިގެން އަޅުގަނޑުމެންނަށް ތިން ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ދެވޭނެ ކަމަށް… އެހެންނަމަވެސް މި ދަންނަވާ ގޮތަށް ބޭންކުންނާއި އަޅުގަނޑުމެން ގުޅިގެން ތަފްސީލުތަށް ހެދުމަށްފަހު އިއުލާންކުރާނަން…
ދެވަނަ ސްކީމެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބިންދީގެން އަދި ޑިވެލޮޕް ކުރާ ފަރާތަށާއި ގަންނަ ފަރާތަށް ލުއިތަކެއް ދީގެން، ސަރުކާރުން ކަނޑައަޅާ އަގެއްގައި ޑިވެލޮޕަރުން އަމިއްލައަށް ޑިވެލޮޕްކޮށް ވިއްކަން ފުރުސަތުދޭ ސިޔާސަތެކެވެ. މިގޮތަށް އިމާރާތްކުރެވޭ ތަންތަން ގަތުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ”ފަސްޓް ހޯމް ބަޔާސް“ އަށް ކަމަށާއި، އަގު ހުންނާނީ މިހާރު މާކެޓުގައި ލިބެން ހުރި އަގަށް ވުރެ ވަރަށް ބޮޑުތަން ކުޑަކޮށްކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
މާކެޓުގައި މިހާރު 03 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 04 މިލިއަން ރުފިޔާއިން މަތިކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، މި ސްކީމްގެ ދަށުން ގާތްގަނޑަކަށް 02 މިލިއަނާއި 2.5 މިލިއަނާ ދެމެދުގައި 03 ކޮޓަރީގެ އެޕާޓްމަންޓް މާކެޓަށް ނެރެވޭނެ ކަމަށެވެ. ނުވަތަ މަސައްކަތް ކުރާނީ އެއަށް ވުރެ ވެސް ކުޑަ އަގެއްގައި މާކެޓަށް ނެރެވޭނަމަ، އެގޮތަށްކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ދެވަނަ ސިޔާސަތަކީ ސަރުކާރުން ބިންދީގެން އަދި ޑިވެލޮޕް ކުރާ ފަރާތަށާއި ގަންނަ ފަރާތަށް ލުއިތަކެއް ދީގެން ސަރުކާރުން ކަނޑައަޅާ އަގެއްގައި ޑިވެލޮޕާސް އަމިއްލައަށް ޑިވެލޮޕްކޮށް ވިއްކަން ފުރުސަތު ދޭ ސިޔާސަތު… މިގޮތަށް އިމާރާތްކުރެވޭ ތަންތަން ވެސް ގަތުމުގެ ފުރުސަތު އޮންނާނީ ފަސް ޓީމް ހޯމް ބަޔާސްއަށް… އަގު ހުންނާނީ މިހާރު މާކެޓުގައި ލިބެން ހުރި އަގަށް ވުރެ ވަރަށް ބޮޑުތަން ކުޑަކޮށް.. ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު މިހާރު ވަނީ ހަތަރު މިލިއަން ރުފިޔާއިން… އަޅުގަނޑުމެން އުންމީދު މި ކުރަނީ ގާތްގަނޑަކަށް 2 މިލިއަނާ 2.5 މިލިއަން ދޭތެރޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓް ގެ އަގު މާކެޓް ނެރެވޭނެ ކަމަށް… އަދި އިރާދަކުރެއްވިއްޔާ އެއަށް ވުރެ ކުޑަކުރެވޭ ކަމުގައި ވާނަމަ އެއްވުރެ ކުޑަކޮށް މާކެޓެއް ނެރުމަށް މަސައްކަތް ކުރަމުން ގެންދާނީ..
މުއްތަލިބު ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން ޑިވެލޮޕްކުރާ ފަރާތްތަކަށް ޑިއުޓީ އެގްޒެމްޝަން ފަދަ ލުއިތައް ލިބިގެންދާނެއެވެ. އަދި ގަންނަ ފަރާތްތަކަށް ޖީއެސްޓީ ދައްކަން ނުޖެހުން ފަދަ އިތުރު ލުއިތައް ލިބި، ފްލެޓްތަކުގެ އަގު ވީހާ ވެސް ބޮޑަކަށް ކުޑަކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ބޯހިޔާވަހިކަން ހޯދުމަށް ފަސޭހަ ކުރުމުގެ ގޮތުން، ”ފަސްޓް ހޯމް ބަޔާސް“ އަށް ހާއްސަ މޯގޭޖް ސްކީމެއް މުއްތަލިބު އިއުލާނު ކުރެއްވި އެވެ. އަދި ވިދާޅުވި ގޮތުގައި މި މޯގޭޖް ސްކީމް ޑިވައިސްކޮށް ހެދުމަށް އެމްއެމްއޭއާ އެކު ސަރުކާރުން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެއަށް ފަހު މި މަސައްކަތުގެ ތެރެއިން މާކެޓުގައި ލިބެން ހުރި އިންޓްރެސްޓް ނުވަތަ ޕްރޮފިޓް ރޭޓަށް ވުރެ ކިހާ މިންވަރަކަށް ކުޑަކުރެވޭނެތޯއާއި، އިކުއިޓީ މިންވަރު ކިހާ މިންވަރަކަށް ބެހެއްޓޭނެތޯ ކަނޑައެޅިގެންދާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެގޮތުން، އާންމުކޮށް މާކެޓުގައި ލިބެން ހުންނަ ބޭންކު ލޯނުތަކަށް ވުރެ ލުއި ގޮތެއްގައި މި މޯގޭޖް ”ފަސްޓް ހޯމް ބަޔާސް“ އަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

