ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލެއް މަޖިލީހަށް، މާލީ މަންފާއެއް ނެގުން މަނާ!

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ އުސޫލާއި ގަވައިދުތައް ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ، ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެވެ.

ބިލު ހުށަހަޅާފައި ވަނީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށެވެ. އަދި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ހިދުމަތަކީ އެންމެނަށް ވަސީލުވެވޭނެ ރައްކާތެރި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ގޮތުގައި ދެވޭ ހިދުމަތްތަކަށް ހެދުމަށްޓަކައި ކަނޑައަޅަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

މީގެއިތުރުން ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެ ނޫން ވެސް ކަމާއި ގުޅޭ އެންމެހައި އުސޫލުތައް ބަޔާން ކުރުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ނިޒާމު އެކުލަވާލައި އެ ނިޒާމު ރާބައި ހިންގުމާއި ބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ކަމާއި ބެހޭ ވުޒާރާއިންނެވެ. އަދި ގާނޫނުގެ ދަށުން ގާއިމު ކުރެވޭ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ނިޒާމު ހިންގައި އެ ނިޒާމުގެ ދަށުން ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހިދުމަތް ދެމުން ގެންދާކަން ކަށަވަރުކޮށް މި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ކުރާނީ މިނިސްޓްރީކަމަށް ވެއެވެ.

ގާނޫނުގެ ދަށުން ހުއްދަ ދޫކުރަނީ ލައިވް- އޯގަން ޓްރާންސްޕްލާންޓު ކުރުމަށެވެ. އަދި ޑިސީޒް – ޑޯނަރ އޯގަން ޓްރާންސްޕްލާންޓު ކުރުން މި ގާނޫނުގެ ދަށުން ހުއްދައެއް ނުވާނެ އެވެ.

ލައިވް – ޑޯނަރ އޯގަން ޓްރާންސްޕްލްޓަކީ ދިރިހުރި މީހަކު އެ މީހެއްގެ ހަށިގަނޑުން ގުނަވަން ނަގައި ހަދިޔާ ކުރުމަށް ރުހުން ދިނުމުން އެ މީހަކު ސިއްހަތު ސަލާމަތުން ދިރިހުރި ހާލަތުގައި، އެ ގުނަވަން ނަގައި ޓްރާންޕްލާންޓު ކުރުމެވެ.

ޑިޒީސް – ޑޯނަރ ޓްރާންސްޕްލާންޓަކީ ދިރިހުރި މީހަކު އެ މީހެއްގެ ހަށިގަނޑުން ގުވަން ނަގައި ހަދިޔަ ކުރުމަށް ރުހުން ދިނުމުން އެ މީހަކު މަރުވުމަށް ފަހުގައި އެ ގުނަވަން ނަގައި ޓްރާންސްޕްލާންޓު ކުރުމަށެވެ.

ބިލު ބުނާ ގޮތުގައި ޓްރާންސްޕްލާންޓު ކުރެވޭނީ އެއްވައްތަރުގެ ދެ ގުނަވަން ހުންނަ ގުނަވަންއާއި، އެ ގުނަވަނުން ބައެއް ނެގި ނަމަވެސް ރީ ޖެނެރޭޓުވާ ގުނަވަނެވެ. މީގެ ތެރޭގައި މީހެއްގެ އޯވަރީ ނުވަތަ ޓެސްޓިކަލްއެއް ޓްރާންސްޕްލާންޓު ނުހިމެނޭކަމަށް ބިލުގައި ވެއެވެ.

ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ސިއްހީ އަދި ހަގީގީ ބޭނުންތެރިކަމެއް އެ ގުނަވަން ލިބިގަންނަ ފަރާތަށް އޮތުމާއި، ގުނަވަން ހަދިޔާ ކުރާ މީހާގެ ހަށިގަނޑުން ގުނަވަން ނެގުމަށް އޭނާގެ ރުހުން އޮތުން އަދި ގުނަވަން ހަދިޔާ ކުރާ މީހާގެ ހަށިގަނޑުން އެ ގުނަވަން ނެގުމުގެ ސަބަބުން އޭނާއަށް ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިނުވުން އަދި ގުނަވަން ހަދިޔާ ކުރާ މީހާގެ ހަށިގަނޑުން އެ ގުނަވަން ނެގުމުގެ ސަބަބުން އޭނާގެ ހިއްސަށް އުނިކަމެއް ނައައުމާއި، ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ އޯގަން ޓްރާންސްޕްލާންޓު އޮތޮރައިޒޭޝަން ކޮމިޓީން ދީފައި އޮތުމެވެ.

ގުނަވަން ހަދިޔާ ކުރެވޭނީ ބިލު ބުނާ ގޮތުގައި ދިވެހި ރައްޔިތަކަށާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށް އަދި ގުނަވަން ހަދިޔާ ކުރުމުގެ ނަތިޖައިން އެކަމުގެ މެޑިކަލް ރީސާޗްތަކާއި ބެހޭ މައުލޫމާތު އެނގި އަމއްލަ އިހުތިޔާރުގައި އެކަމަށް ރުހި ގުނަވަން ހަދިޔާ ކުރާ މީހެއްކަމުގައިވުމެވެ. އަދި އެ މީހަކީ ބުއްދި ސަލާމަތުން ހުރި މީހަކަށްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

މީގެއިތުރުން ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހެއްނަމަވެސް ގުނަވަން ޓްރާންސްޕްލާންޓު ނުކުރެވޭނެ އެވެ.

ބިލުގައި ބުނާ ގޮތުން ގުނަވަން ލިބިގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވާނަމަ އެ ފަރާތާ ފުރަތަމަ އަދި ދެވަނަ ދަރަޖައިގެ ގޮތުން ލޭގެ ގުޅުން އޮންނަ ބިދެސީންނަށް ގުނަވަން ހަދިޔާ ކުރުމަށް ހުރަހެއް ނެތެވެ.

މީގެއިތުރުން ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގައި އިސްކަން ދޭންވާނީ އައިލީ ގުޅުން އޮތް ދެފަރާތެއްގެ ދެމެދުގައިކަމަށް ބިލުގައި ވެއެވެ. އަދި އާއިލީ ގުޅުމެއް ނެތް ނަމަވެސް، ޓްރާންސްޕްލާންޓު ކުރުމަށް ހުރަހެއް ގާނޫނުގެ ދަށުން ނޯންނާނެކަމަށް ބިލުގައި ވެއެވެ.

ބިލުގައި ބުނެފައި ވަނީ ގުނަވަން ޓްރާންޕްލާންޓު ކުރުމުގައި މަންފާއެއް ލިބިގަތުމަކީ މަނާކަމެއް ކަމަށެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގައި މާލީ މަންފާއެއް ލިބިގަތުމުގެ ނުވަތަ އެފަދަ މަންފާއެއް ދިނުމުގެ އަމަލެއް ކުރުމަކީ އެއީ ގުނަވަން ވިޔަފާރި ކުރުމުގެ އަމަލެއްކަމުގައި ބެލެވިދާނެކަމަށް ވެއެވެ. ނަމަވެސް ގުނަވަން ހަދިޔާ ކުރުމުގެ ސަބަބުން ގުނަވަން ހަދިޔާ ކުރާ ފަރާތަށް ލިބެމުން ދިޔަ އާމްދަނީއަށް ހުއްޓުމެއް އައުންފަދަ މާލީ ގެއްލުމަކަށް ގުނަވަން ލިބިގަންނަ ފަރާތުން ބަދަލު ދިނުން ގާނޫނުން މަނަލެއް ނުވާނެކަމަށް ވެސް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: